19 Jul 2018, 13:36
އެއްވެސް ބަޔަކު ފިޔަވަޅު އަޅާފާނެ ކަމަށް ބިރުން ގާނޫނީ ޒިންމާ އަދާ ނުކޮށް ފަހަތަށް ޖެހިގެން ނުތިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އީސީގެ ރައީސަށްވެސް އަދި އެހެން މެމްބަރަކަަށްވެސް ޔޫރަޕިއަން ޔޫނިއަނުން ފިޔަވަޅު އެޅިކަން އެނގިފައި ނެތް ކަމަށެވެ.
އަކްރަމް އެހެން ވިދާޅުވެފައިވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް އަބްދުﷲ ޔާމީނާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި ބައެއް ވަޒީރުން އަދި އިލެކްޝްންސް ކޮމިޝަނުގެ ރައީސްވެސް އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި ކަމަށެވެ.
އަކްރަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސަކީވެސް އަދި މެމްބަރުންނަކީވެސް ބަޔަކު ފިޔަވަޅު އަޅާފާނެ ކަމަށް ފަހަތަށް ޖެހި ގާނޫނީ ޒިންމާތައް ދޫކޮށްލާނެ ބޭފުޅެއް ނޫން ކަމަށެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވި ނަމަވެސް އީޔޫއިން ރާއްޖެއަށް ފިޔަވަޅު އެޅުމަށް އެކުލަވާލި ފްރޭމް ވޯކުގައި މިހާތަނަށް އެއްވެސް މީހެއްގެ ނަން ހިމަނާފައެއް ނުވެއެވެ.
އީޔޫއިން ނިންމާފައި ވަނީ ރާއްޖޭގެ ވަކިވަކި ފަރުދުންނަށް ފިޔަވަޅު އެޅުމާ ބެހޭ ފްރޭމްވޯކެއް ބަލައިގަނެ، އެ ޔޫނިއަނުން ހުށަހަޅާ ގޮތަށް ރާއްޖޭގެ ހާލަތަށް ބަދަލު ނައިސްފި ނަމަ ފިޔަވަޅު އެޅުމަށެވެ.