އަންނަ ދައުރުގެ ކުރީކޮޅު ހަނިމާދޫ އެއާޕޯޓު ޒަމާނީ ތަރައްގީކޮށް ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

ހަނިމާދޫގައި ގާއިމުކުރި ނަރުދަމާގެ ނިޒާރު އިފްތިތާހުކުުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތު ޝަަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަންނަ ދައުރުގެ ކުރީކޮޅު ތިލަދުންމަތީގައި ގާއިމުކުރާނެ ކަމަށް ވިދާޅުވި 3،000 އެނދު ތަރައްގީ ކުރާއިރު، އެ ސަރަހައްދުގައި ބޮޑެތި ބޯޓުތައް ޖެއްސޭނެ ވަރުގެ އެއާޕޯޓެއް އަންނަން ޖެހޭކަމަށެވެ.

"އެއާޕޯޓުގެ ނާރެހުގެ ގޮތުގައި މި ސަރަހައްދުގައި މިއޮތީ ހަނިމާދޫ އެއާޕޯޓު. ހަނިމާދޫ އެއާޕޯޓަކީ މިހާރު ބޮޑެތި މަތިންދާބޯޓުތައް ޖެއްސޭވަރުގެ އެއާޕޯޓެއް ނޫން. އަދި އަމުދުން 3،000 އެނދު މި ސަރަހައްދުގައި ތަރައްގީ ކުރެވެމުންދާއިރު، މުއްސަނދިން ޕްރައިވެޓު ޖެޓުގައި އައިސް ދަތުރުކުރެވޭ ވަރުގެ އެއާޕޯޓެއް ނޫން މިއީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މިއަންނަ ފަސް އަހަރުގެ އެންމެ ކުރީކޮޅު ހަނިމާދޫ އެއާޕޯޓު ހުޅުވިގެންދާނެ. އަދި އެންމެ މިޒަމާނުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަކަށް މި އެއާޕޯޓު ހަދަން އެބަ މަޖުބޫރުވޭ،"

ރައީސް ވިދާޅުވީ އެއާޕޯޓާއި އެނދުތައް ތަރައްގީވެގެން އަންނަ އިރު އޭގެ ފައިދާ ކުރާނެ ބަޔަކީ ހަނިމާދޫގެ ރައްޔިތުން ކަމަށެވެ.

ހަނިމާދޫ ކައިރީގައި ރިސޯޓުތައް ތަރައްގީކުރަމުން އަންނަ އިރު އެ ރަށަކީ ގެސްޓުހައުސްގެ ވިޔަފާރިވެސް ކުރަމުން އަންނަ ރަށެއް ކަމަށާއި އިންޓަގްރޭޓޭޑް ޓޫރިޒަމް ކުރިއެރުވުމަށް ހަނިމާދޫގައި ބިންވެސް އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޓޫރިޒަމާ ގުޅިގެން އިތުރު ސިނާއަތްތައް އުފެދޭނެ ކަމަށާއި އޭގެ ފައިދާ ހުރިހާ އުމުރެއްގެ މީހުންނަށް ކުރާނެ ކަމަށެވެ.

ހަނިމާދޫގައި ފެނުގެ ނިޒާމެއް މިއަހަރު ނިމެންވާއިރަށް ގާއިމް ކޮށްދެއްވާނެ ކަމަށާޢި އެރަށުގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއެއްވެސް ކުރިއަށް ގެންދާނެ ކަމަށާއި، ހަނިމާދޫގެ މަގުހެދުމުގެ މަސައްކަތް ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހު ނިމޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހދ. ހަނިމާދޫގައި މިހާރު އޮންނަ އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓެކެވެ. އެ އަތޮޅުގައި އިތުރު އެއާޕޯޓެއް ގާއިމުކުރުމުގެ މަސައްކަތް ކުޅުދުއްފުށީގައި ކުރަމުން އަންނަ އިރު ހއ. އަތޮޅުގައިވެސް އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ވަނީ ފަށާއިފައެވެ.