Back
Nov 24, 2025 SUN
SUN

އެމްޓީސީސީ ބަލިކޮށް، ވިލިމާލޭ ހިޔާއިން ވިލި މުއައްސަސާ ކަޕް އުފުލާލައިފި

އެމްޓީސީސީ ބަލިކޮށް، ވިލިމާލޭ ހިޔާއިން ވިލި މުއައްސަސާ ކަޕް އުފުލާލައިފި
Lead photo

ކްލަބު އެމްޓީސީސީއާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓް ގުޅިގެން ވިލިމާލޭގައި ކުރިއަށްގެންދާ ވިލި މުއައްސަސާ ކަޕްގެ ޗެމްޕިއަންކަން ވިލިމާލޭ ހިޔާއިން ހޯދައިފިއެވެ.

ވިލިމާލޭ ހިޔާއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި 7-5ގެ ނަތީޖާއަކުން ކްލަބު އެމްޓީސީސީ ބަލިކޮށްގެންނެވެ.

ވިލި މުއައްސަސާ ކަޕްގެ ފައިނަލުގައި ވިލިމާލެ ހިޔާއާއި އެމްޓީސީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މޮޅުވެ، ވިލިމާލެ ހިޔާއިން ވަނީ ޗެމްޕިއަންކަން ހޯދާފައި --- ފޮޓޯ/ އިމޭޖާސް އެމްވީ

ވިލިމާލޭ ފުޓްސަލް ދަނޑުގައި ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިފައިވެއެވެ. އެޓޭކިން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިލިމާލޭ ހިޔާގެ އިސްމާއީލް ވިފާގެވެ.

ރޭގެ މެޗަށްފަހު މުބާރާތުގެ އެކިއެކި މަގާމުތަކަށް ހޮވުނު ކުޅުންތެރިންނަށް ތަށްޓާއި ހަނދާނީ ލިޔުން ދީފައިވާ އިރު، ޗެމްޕިއަން ޓީމަށްވެސް ތަށްޓާއި މެޑަލް، އަދި ފައިސާގެ އިނާމުވެސް ވަނީ ދީފައެވެ. އޭގެ އިތުރުންވެސް މުބާރާތް ކުލަގަދަކޮށް، އެންމެ ފުރިހަމަ ގޮތުގައި ނިންމާލުމަށް އެހީތެރިވެދިން ޕާޓްނަރުންގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށްވެސް ވަނީ ހަނދާނީ ލިޔުން ދީފައެވެ.

ފައިނަލް މެޗަށްފަހު އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗެއާމަން އަހުމަދު ނިޔާޒާއި ކޮކާ ކޯލާ މޯލްޑިވްސްގެ ޖެނެރަލް ސޭލްސް މެނޭޖަރު ސްރިކާންތު ގުންޑެމޮނީ އަދި އެ މުބާރާތުގެ ޕާޓްނަރުންގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ވިލި މުއައްސަސާ ކަޕް 2018ގެ ޗެމްޕިއަން ވިލިމާލެ ހިޔާ --- ފޮޓޯ/ އިމޭޖާސް އެމްވީ

މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް އެސްޓީއޯ ހޮވިފައިވާ އިރު، މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންވެސް ވަނީ ހޮވައިފައެވެ. އެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ވިލިމާލޭ ހިޔާގެ އިސްމާއިލް ވިފާގެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން:

އިބްރާހީމް ޖުނާހު - ކްލަބު ވެމްކޯ

ހުސައިން ނާސިފް - ކްލަބު އެމްޓީސީސީ

އިސްމާއީލް ވިފާގު - ވިލިމާލޭ ހިޔާ

އަބްދުﷲ ޒިމާމް - ކްލަބު ވެމްކޯ

އިބްރާހީމް ނަސީހު - ކްލަބު އެމްޓީސީސީ

ވިލި މުއައްސަސާ ކަޕްގައި މިއަހަރު 13 ޓީމެއް ވާދަކުރި އިރު، އެ ޓީމުތައް ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިފައެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ވާދަކޮށްފައިވަނީ ނުވަ ޓީމެކެވެ.

ވިލި މުއައްސަސާ ކަޕް 2018ގެ ޗެމްޕިއަން ވިލިމާލެ ހިޔާ --- ފޮޓޯ/ އިމޭޖާސް އެމްވީ

މުބާރާތުގައި ބައިވެރިވުމަށް ކޮންމެ އަހަރަކު ވެސް ހާއްސަ ދެ ޓީމަކަށް ދައުވަތުދޭ އިރު، މިއަހަރުގެ މުބާރާތުގައި ދައުވަތުދީގެން ބައިވެރިވި ދެ ޓީމަކީ ވިލިޖޯލި (މޯލްޑިވިއަން ރެޑް ކްރަސެންޓް)އާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޓީމެވެ.

ވިލި މުއައްސަސާ ކަޕްގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީ އެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިދިޔަ އަހަރު ވެސް އެ މުބާރާތް ވަނީ ވަރަށް ކާމިޔާބުކަމާއެކު ބާއްވައިފައެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ޓީމް ހައުސިން ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މޯލްޑިވް ގޭސްއެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. މުބާރާތުގެ ބެވަރޭޖް ޕާޓަނަރަކީ ކޮކާ ކޯލާއެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics