15 Sep 2011, 10:57
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ޔޫރަޕްގެ ބައެއް ގައުމުތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން، ހިރިޔާ ސްކޫލްގެ ދަރިވަރުންނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
އިނގިރޭސިވިލާތަށާއި ކެނެޑާއަށާއި ފްރާންސަށާއި އަދި ސްވިޓްޒަލަންޑަށް ރައީސް ނަޝީދުގެ ދެކަނބަލުން ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ރާއްޖެ ވަޑައިގެން އެންމެ ފުރަތަމަވެސް ވަޑައިގެންނެވީ ހިރިޔާ ސްކޫލަށެވެ.
އެ ސްކޫލަށް ވަޑައިގެން ކްލާސްތަކަށް ޒިޔާރަތްކޮށް ދަރިވަރުންނާ ބައްދަލުކޮށް، އެމަނިކުފާނު ވާހަކަފުޅު ދެއްކެވި އެވެ. އަދި ހުރާގެ ހާދިސާގައި އެ ސްކޫލްގެ ހަތަރު ދަރިވަރަކާއި ޕްރިންސިޕަލް ނާޒިމް އަވަހާރަވި ހާދިސާއާ ގުޅިގެން އެ ސްކޫލްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި އެމަނިކުފާ ލިޔުއްވެވި އެވެ.
ހިރިޔާ ސްކޫލަށް ރައީސް ކުރެއްވި ޒިޔާރަތުގައި އެ ސްކޫލްގެ ޕްރިންސިޕަލް އަލީ ނާޒިމްގެ އަނބިކަބަލުންނާ ބައްދަލުކޮށް ވާހަކަފުޅު ދެއްކެވި އެވެ. ނާޒިމްގެ އަނބިކަބަލުން އޭރު ގިސްލާ، ރޮނީ އެވެ.
ރައީސް ރާއްޖެއިން ބޭރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކެނެޑާގެ "ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް"ގައި ބޭއްވި އެމަނިކުފާނުގެ "ދި އައިލެންޑް ޕްރެޒިޑެންޓް" ޕްރިމިއާކުރުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ ބައިވެރިވެވަޑައިގަތެވެ. އަދި ޖެނީވާއަށް ކުރެއްވި ދަތުރުފުޅުގައި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމާބެހޭގޮތުން އ.ދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން ބޭއްވި މަތީ ފެންވަރުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދެއްކެވި އެވެ.