19 Jul 2018, 09:21
ދޮގު ހަބަރު ފަތުރާ ވެބްސައިޓުތައް ބްލޮކުކޮށް، ދޮގު ހަބަރު ފަތުރާ ނޫސްވެރިންނާ މެދު ފިޔަވަޅު އެޅޭނެ ގާނޫނެއް މިސްރުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.
މި ހަފްތާގެ ހޯމަ ދުވަހު ފާސްކުރި މި ގާނޫނުގެ ދަށުން 5000 އަށް ވުރެ ގިނަ މީހުން ފޮލޯކުރާ ބްލޮގުތަކާއި ސޯޝަލް މީޑިއާ އެކައުންޓުތައް ބަލާނީ "މީޑިއާ" ތަކުގެ ގޮތުގައެވެ. މިއާއެކު އެ އެކައުންޓުތަކުން "ދޮގު ހަބަރު ފަތުރައިފިނަމަ" ގާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅުތައް އަޅާނެއެވެ.
މިސްރުގައި މީޑިއާތައް ރެގިއުލޭޓް ކުރަނީ އެގައުމުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީގެ ބާރު ހިނގާ ސުޕްރީމު ކައުންސިލަކުންނެވެ. އާ ގާނޫނުގެ ދަށުން ލައިސެންސް ނެތި އެއްވެސް ނޫސް ވެބްސައިޓެއް ހިންގާނަމަ އެ ވެބްސައިޓު ބްލޮކު ކުރާނެއެވެ. ނޫންނަމަ އެޑިޓަރުންނާމެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރުމުގެ ބާރު ކައުންސިލަށް ވަނީ ދީފައެވެ.
ސީސީއަށް ސަޕޯޓުކުރާ މީހުން ބުނަމުންދަނީ މިއީ ދޮގު ހަބަރު ފެތުރުވުން ހުއްޓުވުމަށް އެޅި ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. ނަމަވެސް ކްރިޓީކުން ބުނާގޮތުގައި މިސްރު ސަރުކާރުން އެޅި ފިޔަވަޅަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވުމަށް އެޅި ނުރަނގަޅު ފިޔަވަޅެކެވެ.
ދޮގު ހަބަރު ފަތުރާކަމަށް ބުނެ މިއަހަރުގެ ތެރޭގައި މިސްރުގެ ގިނަ ވެބްސައިޓުތަކެއް ވަނީ ބްލޮކު ކޮށްފައެވެ. އަދި ގިނަ އަދަދެއްގެ ބްލޮގަރުންނާއި ނޫސްވެރިންވެސް ވަނީ ހައްޔަރު ކޮށްފައެވެ.