ފިލްމުތަކުގައި ނެގެޓިވް ރޯލުތަކުން މަޝްހޫރުކަން ހޯދި އެކްޓަރު ޖިމް ސަރްބް ދެން ނެގެޓިވް ރޯލު ނުކުޅޭނެ ކަމަށް އޭނާ ބުނެފިއެވެ.

"ނީރްޖާ"، "ޕަދްމާވަތު" އަދި "ސަންޖޫ" ފަދަ ފިލްމުތަކުގައި ޖިމް ވަނީ ވަރަށް ފުރިހަމައަށް އޭނާގެ ރޯލު އަދާކޮށްފައެވެ. އަދި ގިނަ އެވޯޑުތަކެއް ވެސް ވަނީ ހޯދައިފައެވެ.

ނަމަވެސް އަބަދު އެއް ކަހަލަ ރޯލުތަކެއް ކުޅެވޭތީ ޖިމް ހުރީ މިހާރު ބަދަލަކަށް ބޭނުންވެފައެވެ. ޖިމް ބުނީ ނެގެޓިވް ރޯލުތަކާ ދުރަށް ޖެހިލީ އެފަދަ ރޯލުތައް ކަމުނުދާތީ ނޫން ކަމަށެވެ.

"އެކަމަކު މިހާރު އަހަރެން ބޭނުންވަނީ ތަފާތު ރޯލުތައް ކުޅެން،" ޖިމް ބުންޏެވެ.

ޖިމް ބުނީ އެހެން ކަހަލަ ރޯލުތަކެއް ނުކުޅޭ ނަމަ އޭނާ ވެގެންދާނީ އަބަދުވެސް ނުބައިބައި ރޯލުތައް ކުޅޭ މީހަކަށް ކަމަށެވެ.

ޖިމް ބޮލީވުޑަށް ނުކުތީ 2016 ވަނަ އަހަރު ފިލްމު "ނީރްޖާ" އިންނެވެ. އޭގެ ކުރިން ޖިމް ވަނީ ތިއޭޓަރ ދުނިޔޭގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.