ވިޔަފާރިވެރިންގެ ލިސްޓެއް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ފޮނުވައިގެން އެ މީހުންނާ މެދު ފިޔަވަޅު އަޅަން ދިވެހި ގައުމަށް ހެޔޮއެދޭ ބަޔަކު ނޫޅޭނެކަމަށް، ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ހުވަދުއަތޮޅު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ޕީޕީއެމްގެ ރުމާލު 2 ޖަގަހައިގައި ބޭއްވި ޖަލްސާގައި ހުވަދޫ ބަހުރުވައިން ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ބޭރުގެ ނުފޫޒުތަކާ އެކު ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު މިގައުމުގައި އިދިކޮޅު ޕާޓީއެއް ނެތް ކަމަށާއި މިއަދު އޮތީ ގައުމާ އިދިކޮޅު ބައެއް ކަމަށެވެ. އަދި މި ގައުމާ މެދު ފިޔަވަޅު އެޅުމަށް އެމީހުން ބޭރު ތަންތަނުގައި ރޮއި އާދޭސްކޮށްގެން މަސައްކަތް ކުރަމުންދާ ކަމަށާއި އެއީ ވަރަށް ނުބައި ކަމެއް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި ބޮޑެތި ވިޔަފާރިވެރިންނާ މެދު އީޔޫ މެދިވެރިކޮށް ފިޔަވަޅު އަޅަން އިދިކޮޅު ފަރާތްތަކުން އުޅޭއިރު، ވިޔަފާރިވެރިންގެ ކުށަކީ ކޮބައިތޯ ޑރ. ޝަހީމް ސުވާލު ކުރެއްވިއެވެ.

"މި ރާއްދޭ ތޭ ވިޔަފާރިވެރިގެ ކުޓައްކޫ ކޮބާ. އެހެލާނަ މަގުމައްތަން ނިކިމަ ތަންތާ ހުޅަޖަހައި މީހިނަ ގާން އަތްލައި ކަންތަތިބަކެރަތަ؟ މި ރާއްދޭތޭ ވިޔަފާރިވެރީނަ،" ހުވަދޫ ބަހުރުވައިން ޑރ. ޝަހީމް ވިދާޅުވިއެވެ.

"މި ރާއްޖޭގައި ތިބި ވިޔަފާރިވެރިންގެ ކުށަކީ ކޮބާ؟ އެ މީހުން [ވިޔަފާރިވެރިން] މަގުމައްޗަށް ނުކުމެ ތަންތަނުގައި ހުޅުޖަހައި މީހުންގެ ގަޔަށް އަތްލައި ކަންތައްތައް އެބަ ކުރޭތޯ؟،"

ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގެ ވިޔަފާރިވެރިންނަކީ އެމީހުންގެ ގައިން ދާ އޮހޮރުވައިގެން މަސައްކަތްކޮށްގެން ދިވެހި ދައުލަތަށް ޓެކްސް ދައްކާ ބައެއްގެ އިތުރުން ރައްޔިތުންނަށް ވެސް އެހީވާ ބައެއް ކަމަށެވެ. އަދި ވިޔަފާރިވެރިންނާ މެދު ފިޔަވަޅު އަޅަން އުޅެނީ އެމީހުން ސަރުކާރަށް އެހީވާތީއޭ ކިޔައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"ވިޔަފާރިވެރީންނަގަ ލިސްޓަ އީޔޫއާ މި ތަންތާން ހުށަހަޅޭގަން ވިޔަފާރިވެރިންނަށް ފިޔަވަޅަ އޮޑަންނަން ވޮންނެއްޔާ ގައުމަށް ހޯ އެދެނެ މީހަކެ؟ ނޮވޮންނެއްޔާ. ގައުމަށް ހޯ އެދެނަ ބައިކަނަ އެއްވިއަސް ބައިކަނަ ކެރެނެ ކަމަކަނުން އޭ،" ހުވަދޫ ބަހުރުވައިން ޑރ. ޝަހީމް ވިދާޅުވިއެވެ.

"ވިޔަފާރިވެރިންގެ ލިސްޓެއް އީޔޫއާ، މި ތަންތަނަށް ހުށަހަޅައިގެން ވިޔަފާރިވެރިންނަށް ފިޔަވަޅު އަޅަން އުޅޭނެތޯ ގައުމަށް ހެޔޮއެދޭ މީހަކު؟ ނޫޅޭނެ. ގައުމަށް ހެޔޮއެދޭ އެއްވެސް ބަޔަކު ކުރާނެ ކަމެއް ނޫން އެއީ،"

އީޔޫ އިން އުޅެނީ ރާއްޖޭގެ ޒަމާންވީ އިސްލާމީ އަގީދާއަށް ހަމަލާދޭން ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޔާސީ ބަޔަކު އީޔޫއާ ބައިއަތު ހިފައިގެން އުޅޭ މި ދަނޑިވަޅުގައި ފުރުސަތުގެ ބޭނުންކޮށް ރާއްޖޭން އިސްލާމްދީން ނައްތާލަން އީޔޫއިން އުޅޭ ކަމަށެވެ.

"އިރަދަ ކުރައްވީފެހޭ އެހެލާނަ މި ރާއްދޭން އިސްލާމްދީނާ ނައްތޭލަންނަން ޖެހެންނޯ އަހަނަ ކަރު ހެމަނާރާ ބުރިކޮށްލޭ. އެހެލާންނަން އެކަމާ ނުވެންނޭ،" ޑރ. ޝަހީމް ހުވަދޫ ބަހުރުވައިން ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އެ މީހުން މި ރާއްޖެއިން އިސްލާމްދީން ނައްތާލަން ޖެހޭނީ އަޅުގަނޑުމެންގެ ކަރުގެ ހިމަނާރު ބުރިކޮށްލާފައި. އެ މީހުންނަށް އެކަމެއް ނުވާނެ،"

ރައީސް ޔާމީންގެ އިގްތިޞާދީ ސިޔާސަތަށް ތައުރީފް ކުރައްވައި ޑރ. ޝަހީމް ވިދާޅުވީ އެމަނިކުފާނަކީ އަމަލީގޮތުން ތަރައްގީ ގެނެސްދެއްވާ ބޭފުޅެއް ކަމަށެވެ. ޚާއްސަ ގޮތެއްގައި ގދ. ތިނަދޫ އަކީ ރައީސް ޔާމީންގެ ތަރައްގީގެ މިސާލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ ޚަޒާނާގައި ހުރީ ގާތްގަނޑަކަށް 270 މިލިއަން ޑޮލަރު ކަމަށާއި ނަމަވެސް މިއަދު ދައުލަތުގެ ޚަޒާނާގައި ހުރީ 790 މިލިއަން ޑޮލަރު ކަމަށެވެ. އަދި އެއަދަދަށް ދައުލަތުގެ ޚަޒާނާގައި ފައިސާ ހުރީ އިންޑިއާގެ ޖީއެމްއާރަށް ދައްކަންޖެހުނު 400 މިލިއަން ޑޮލަރު ވަގުތުން ދެއްކުމަށްފަހު ކަމަށާއި އެ ފައިސާ ދައްކަން ނުޖެހުނު ނަމަ ބިލިއަން ޑޮލަރު ޚަޒާނާގައި ހުންނާނެ ކަމަށް ޑ. ޝަހީމް ވިދާޅުވިއެވެ.

ހަމައެހެންމެ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ބޮލަކަށް ލިބެނީ ގާތްގަނޑަކަށް 400 ޑޮލަރު ކަމަށާއި މިއަދު ބޮލަކަށް ގާތްގަނޑަކަށް 1000 ޑޮލަރު ލިބޭ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

އެހެންކަމުން ދިވެހި ރައްޔިތުން އެކަމާ ވިސްނަންޖެހޭ ކަމަށާއި ރައްޔިތުން ބޭނުންވަނީ ރައީސް ޔާމީން ފަދަ ވެރިޔަކު ރާއްޖޭގައި ވެރިކަން ކުރަން ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީން ރާއްޖޭގެ ވެރިކަމުގައި ބަހައްޓަންވީ އިތުރު ފަސް އަހަރުގެ ދައުރަކަށް ނޫން ކަމަށާއި އަދި 30 އަހަރަށް އެމަނިކުފާނު ވެރިކަމުގައި ބަހައްޓަންޖެހޭ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑ. ޝަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ދޮޅު އަހަރުގެ ވެރިކަމެއް ރާއްޖެއަށް ގެނައުމަށްފަހު އެ މުއްދަތު ހަމަވުމުން "އަސްލު ރޫހާނީ ލީޑަރު" ވެރިކަމަށް ގެންނަން ކަމަށެވެ. ނަމަވެސް ފަރުދީ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު ކުރިއަށް ނެރެން އެބަޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެން ނުހަދަންނަންގޯ. މި ގައުމާ ހަލާކި ނުކެރާ. ގައުމުގަ ތަރައްގީ އާއި ގައުމުގެ މިނިވަން ކަމާއި ގައުމުގެ ސިޔާދަތަށް އަހަނަ ވިސްނަން ތިޖެހޭ. ފަރުދީ މަސްލަހަތަށްޓޭ ބޮޑަން. އެހެންވީމޭ މި އިންތިޚާބައްކޫ ރާއްދޭގަ މުސްތަގުބަލަ ކަނޑައަޅަ އިންތިޚާބާ،" ޑރ. ޝަހީމް ހުވަދޫ ބަހުރުވައިން ވިދާޅުވިއެވެ.

"އެހެން ނަހަދާށޭ. މި ގައުމު ހަލާކު ނުކުރާށޭ. ގައުމުގެ ތަރައްގީ އާއި ގައުމުގެ މިނިވަންކަމާއި ގައުމުގެ ސިޔާދަތަށް އަޅުގަނޑުމެން ވިސްނަން އެބަޖެހޭ ފަރުދީ މަސްލަހަތަށް ވުރެ ބޮޑަށް. އެހެންވީމަ މި އިންތިޚާބަކީ ރާއްޖޭގެ މުސްތަގުބަލް ކަނޑައަޅާ އިންތިޚާބު،"