18 Jul 2018, 22:05
ސަރުކާރާ އެކު މަޝްވަރާކުރަން އެންމެ ފަހުން ދައުވަތު ފޮވުމުން އިދިކޮޅު ފަރާތްތަކުން ހުށަހެޅި ޝަރުތުތައް ފުރިހަމަކޮށްދެވެން ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ހއ. ބާރަށު ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ސިޔާސީ ޕާޓީތަކުން ސަރުކާރަށް ހުށަހެޅި ޝަރުތުތަކަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދާއި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ދޫކޮށްލުމަށް ކަމަށެވެ. ނަމަވެސް އެކަން ކޮށްދެވެން ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑަކަށް އެ ވިދާޅުވާ ޝަރުތައް ފުރިހަމަކޮށްދެވޭކަށް ނެތް. އަޅުގަނޑު އެބޭފުޅުންނާ އެކު މަޝްވަރާއަށް ދާން މި ބުނަނީ ޝަރުތުތަކެއް ކުރިމަތި ކުރައްވާފައެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލި ކަން ހައްލުކުރުމަށް އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާ ކުރުމަށް 12 ވަރަކަށް ފަހަރު މަސައްކަތް ކުރި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ ޔޫރަޕިއަން ޔޫނިއަނަށް ދެއްކުމަށް ކުރާ ކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ޕާޓީތަކާ މަޝްވަރާ ކުރަނީ އުފެދިފައިވާ ސިޔާސީ ޒަހަމްތަކަށް ހައްލެއް ހޯދަން ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަށް ގިނަ ސަރުކާރުތަކެއް ފެނިފައިވާ ކަމަށާއި ނަމަވެސް މި ފަސް އަހަރު ވަރުގެ ދަތިތަކެއް ކުރިމަތިވި ދައުރެއް ފެނިފައި ނުވާ ކަމަށެވެ.
“...އަޅުގަނޑުމީ އެތައް ސަރުކާރެ ދުށް މީހެއް. އެއް ސަރުކާރެއްގަ ވަރަށް ގިނަ މަސައްކަތް ކުރި މީހެއް. އަޅުގަނޑު ނުދެކެން އަޅުގަނޑަށް މިދިމާވި ކަހަލަ ދަތި ކަންތައްތަކެއް މެދުވެރިވި ނޫނީ މެދުވެރިކުރުވި ސަރުކާރެއް،" ރައީސް ވިދާޅުވިއެވެ.
ވެރިކަމާ ހަވާލުވި ފުރަތަމަ އަހަރު އަމާން އޮމާން ކޮށް ދިޔަ ނަމަވެސް އޭގެ ފަހުން އައީ ހަލަބޮލި ދުވަސްތަކެއް ކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން އަމިއްލަ ޕާޓީ އާއި ސަރުކާރުގެ ތެރެއިންނާއި އިދިކޮޅު ފަރާތްތަކުން ބޮޑެތި ދުއްތުރާ ތަކެއް ކުރިމަތި ކުރުވި ކަމަށް ރައީސް އިޝާރާތް ކުރެއްވިއެވެ.
ދެހާސް ފަނަރަވަނަ އަހަރުން ފެށިގެން އެމަނިކުފާނު ކުރިއަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު ދަތި އަޅުވައި ވައްޓާލަން މަސައްކަތްކޮށްފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ދެ ފަހަރަކު މަގުމަތިން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ރައީސް ވިދާޅުވިއެވެ.
"އެއްވެސް ބޭފުޅަކު އަޅުގަނޑާ ހަމައަކަށް ވަޑައެއް ނުގަންނަނާ އަޅުގަނޑު މި ހިންގަވާ މަޝްރޫއުތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަވާކަށް. އަބަދުވެސް ލިބިފައި އޮތް ބައެއް ކުޑަވެގެން. އަބަދުވެސް އަމިއްލަފުޅަށް ބޭނުންވާ ކަންތައްތަކެއް ނުކުރެވިގެން ވަޑައިގެންނެވި ބޭފުޅުން ވަޑައިގެންނެވީ،" ރައީސް ވިދާޅުވިއެވެ.
"ދެން ކުރެވިގެން އައި މަސައްކަތަކީ ރަސްމީކޮށް އަޅުގަނޑުމެންގެ ޕާޓީގައި ތިބި މެންބަރުން ތަކެއް ވަކިކޮށްގެން ގެންދިއުން. ރަސްމީކޮށް ޕާޓީގައި ތިބި މެންބަރުންތަކެއް ވަކިކޮށްގެން ގެންދިޔައީމަ ކިހިނެއްތޯ ވީ. ޕާޓީ ކުރިން ނުވާ ވަރަށް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ރައްޔިތުންގެ ހައްގުގައި ބަސްބުނުމުގައި އަޅުގަނޑުމެން ހަމަ ހަގީގަތުގައި ވެސް ނިކަމެތިކަން އައީ،"
ޕީޕީއެމްގެ ތެރޭގައި އުފެދުނު ގަޑުބަޑުގެ ތެރޭގައި ރައްޔިތުންނަށް ވެސް ވަރަށް ބޮޑު ދުއްތުރާތަކެއް ކުރިމަތިވި ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ލޯކަލް ކައުންސިލް އިންތުޚާބުގައި ގިނަ ގޮނޑިތަކެއް ގެއްލިގެން ދިޔަ ކަން ރައީސް ފާހަގަކުރެއްވިއެވެ.