ބޭންކޮކް (ޖުލައި 18): ތައިލޭންޑުގެ ހޮހޮޅައެއްގައި މިދިޔަ މަހު ތާށިވި ފަހުން ސަލާމަތް ކުރި 12 ކުދިންނާއި އެކުދިންގެ ފުޓުބޯޅަ ޓީމު ފުރަތަމަ ފަހަރަށް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދީފި އެވެ.

މިއަދު ހޮސްޕިޓަލުން ދޫކޮށްލި އެކުދިން ވަނީ ޗިއަންގް ރައިގެ ޕްރޮވިންޝަލް ހޯލުގައި ޕްރެސް ކޮންފަރެންސެއް ދީފައި އެވެ. އަދި އެޕްރޮވިންސުގެ ގަވަރުނަރު ޕުރަޗޮން ޕުރަޓްސުކަން ވަނީ އެއީ އެކުދިން ދޭ ހަމައެކަނި "ރަސްމީ މީޑިއާ އިންޓަވިއު" ކަމަށާއި "އެއަށް ފަހު އެކުދިން މީޑިއާއާ ވާހަކަ ނުދައްކާނެ" ކަމަށް ވިދާޅުވެފައި އެވެ.

އެޕްރެސް ކޮންފަރެންސަށް އެކުދިން ދިޔައީ، އެކުދިން ނިސްބަތްވާ ވައިލްޑް ބޯސް ޓީމުގެ ޖާޒީ ލައިގެންނެވެ. އަދި އެކުދިންނަށް ފަރުވާ ދިން ޑޮކްޓަރުންނާއި ނޭވީ ސީލްސްގެ މެމްބަރުން ވެސް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދިނެވެ.

ތައިލޭންޑުގެ ހޮހޮޅައިން ސަލާމަތް ކުރި ކުދިން ޕްރެސް ކޮންފަރެންސުގައި -- ފޮޓޯ: އޭއެފްޕީ

އެސުވާލުތަކަކީ ޕްރެސް ކޮންފަރެންސް ފެށުމުގެ ކުރިން ނޫސްވެރިން ހުށަހެޅި، އަދި ނަފްސާނީ ބަލީގެ ޑޮކްޓަރަކު ސްކްރީންކޮށްފައިވާ ސުވާލުތަކެކެވެ.

އެބައްދަލުވުމުގައި އެކުދިން ވަނީ ހޮހޮޅައިގައި ތާށިވި ގޮތާ ބެހޭ ގޮތުންނާއި ހޮހޮޅައިގައި ހޭދަ ކުރި ދުވަސްތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފައި އެވެ.

އަދި މިހާރު ހޮހޮޅައިން ސަލާމަތްވުމުން، އެކުދިންނަށް ދަސްވީ ކަންތައްތަކާއި މުސްތަގުބަލުގައި ކުރަން ބޭނުންވާ ކަންތައްތަކާ ބެހޭ ގޮތުންވެސް ވާހަކަ ދައްކާފައި އެވެ. ބައެއް ކުދިން ވަނީ އެތަޖުރިބާގެ ސަބަބުން "ހިތްވަރުގަދަ ކުރުމަށާއި ކެތްތެރިކަން" ދަސްވެފައިވާ ކަމަށް ބުނެފައި އެވެ. އަދި އެހެން ކުދިން ވަނީ "މުޖުތަމައަށް ބޭނުންތެރި، ރަނގަޅު މީހުންނަށް" ވާނެ ކަމުގެ ޔަގީންކަން ދީފައި އެވެ.

މީގެ އިތުރުން ގިނަ ކުދިން ބުނި ގޮތުގައި އެކުދިން ބޭނުން ވަނީ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިންނަށް ވާށެވެ. އަދި އެއް ކުއްޖަކު ވަނީ ފުޓުބޯޅަ ކުޅޭ ނޭވީ ސީލްއަކަށް ވާން ބޭނުންވާ ކަމަށް ބުނެފައި އެވެ. އެއާއެކު އިތުރު ހަތަރު ކުދިންވެސް ވަނީ އެކުދިންވެސް "އެހެން މީހުންނަށް އެހީވުމަށްޓަކައި" ސިފައިންނަށް ވާން ބޭނުން ކަމަށް ބުނެފައި އެވެ.

އެކުދިންގެ ކޯޗު އެކަޕޯލް ޗަންޓަވޮންގް ބުނި ގޮތުގައި މިދިޔަ މަހުގެ 23ގައި ހޮހޮޅަ ބަލާލަން ދާން ނިންމީ ހުރިހާ ކުދިން އެއްބަސްވެގެންނެވެ. އަދި ހޮހޮޅައިގައި ފެންބޮޑުވުމުގެ ސަބަބުން އޭގެ ތެރޭގައި ތާށިވީ، ހޮހޮޅައިން ނުކުންނަން ދިޔަ މަގުމަތީގައި އެވެ.

ތައިލޭންޑުގެ ހޮހޮޅައިން ސަލާމަތް ކުރި ކުދިން ވަނީ މިއަދު ހޮސްޕިޓަލުން ދޫކޮށްލާފައި -- ފޮޓޯ: އޭއެފްޕީ

މީގެ އިތުރުން ޗަންޓަވޮންގް ބުނި ގޮތުގައި މީޑިއާތަކުގައި ފެތުރިފައިވާ ހަބަރުތަކާ ހިލާފަށް އެހުރިހާ ކުދިންނަށްވެސް ފަތަން އެނގެ އެވެ. އަދި ހޮހޮޅައިގައި ތާށިވިތާ 10 ދުވަސް ފަހުން ޑައިވަރުން އެކުދިން ހޯދަން ދެން، އެންމެންވެސް ތިބީ ހަމައެކަނި ފެން ބޮއެގެންނެވެ.

އެއަށް ފަހު ބައެއް ކުދިން ވަނީ އާއިލާގެ މެމްބަރުން ކައިރީ ނުބުނެ ހޮހޮޅައަށް ދިޔުމުން، އެކުދިންގެ ބެލެނިވެރިންގެ ފަރާތުން މާފަށް އެދިފައި އެވެ.

އެޕްރެސް ކޮންފަރެންސް ނިންމާލުމުގެ ކުރިން، އެބައްދަލުވުމުގައި ބައިވެރިވި ޑޮކްޓަރު ވަނީ ހުރިހާ ކުދިންނަށް އަރާމު ކުރުމަށް ވަގުތު ދިނުމަށް އެދިފައި އެވެ. އަދި މީޑިއާއިން އެކުދިންނަށް ޕްރެޝާ ނުކުރުމަށާއި އާއިލާއާ އެކު ވަގުތު ހޭދަ ކުރުމަށް ފުރުސަތު ދިނުމަށް އެދިފައި އެވެ.