ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން މިދިޔަ ހޯމަ ދުވަހު ފާސްކުރި އޮނިގަނޑުގެ ދަށުން، ރާއްޖޭގެ ވަކިވަކި ފަރުދުންނާއި މުއައްސަސާތަކާ ދެކޮޅަށް އަޅަން ނިންމި ފިޔަވަޅުތަކުގެ ތަފްސީލު ހާމަކޮށްފި އެވެ.

އީޔޫގެ ފޮރިން އެފެއާޒް ކައުންސިލުން ބަލައިގަތް އޮނިގަނޑުގެ ދަށުން ފިޔަވަޅު އަޅަން ނިންމީ، ގާނޫނީ ނިޒާމު ދެމެހެއްޓުމަށް ހުރަސްތައް ކުރިމަތި ކުރުވާ ފަރާތްތަކާއި ސިޔާސީ ހައްލުތައް ރާއްޖެއަށް ހޯދުމަށް ހުރަސް އަޅާ ފަރާތްތަކުގެ އިތުރުން އިންސާނީ ހައްގުތަކަށް ފޯރުކޮށްދިނުމަށް ހުރަސް އަޅާ ފަރާތްތަކަށެވެ.

އެގޮތުން އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އަޅާ ފަރާތްތައް އީޔޫގެ މެމްބަރު ގައުމުތަކަށް ދަތުރު ކުރުމާއި ޓްރާންޒިޓް ކުރުން ހުއްޓުވުމުގެ ބާރު އެގައުމުތަކަށް ދީފައިވެ އެވެ. އަދި އެ ގައުމުތަކުގައި ހުންނަ އެފަރާތްތަކުގެ މުދަލާއި އިގުތިސާދީ ވަސީލަތްތައް ހިފެހެއްޓުމުގެ ބާރު ވެސް ގައުމުތަކަށް ދީފައިވެ އެވެ.

ނަމަވެސް އިންސާނިއްޔަތުކަމުގެ ގޮތުން ނުވަތަ ޑިޕްލޮމެޓިކް ބޭނުންތަކަށް އެފިޔަވަޅުތަކަށް ދޫ ދިނުމުގެ އިޚުތިޔާރު ވެސް މެމްބަރު ގައުމުތަކަށް ދީފައިވެ އެވެ.

އީޔޫގެ ކައުންސިލުން ފިޔަވަޅު އަޅާ ފަރާތްތަކުގެ ލިސްޓު އަދި އާއްމުކޮށްފައެއް ނުވެ އެވެ. އަދި އެފިޔަވަޅުތައް އަޅަން ޔޫރަޕިއަން ޔޫނިއަންގެ އިތުރު ނިންމުމެއް ބޭނުންވާނެ އެވެ.

މިއަހަރުގެ ފެބުރުއަރީ މަހު އީޔޫއިން ވަނީ ވަކި ކަންކަމެއް އިސްލާހުކުރުމަށް ސަރުކާރަށް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ފެބުރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމާއި ހައްޔަރުގައި ތިބި ސިޔާސީ މީހުން ދޫކޮށްލުމާއި ސިޔާސީ ޕާޓީތަކަށް ފުރުސަތު ލިބިދޭ މިނިވަން އިންސާފުވެރި އިންތިހާބަކަށް މަގު ފަހިކޮށްދިނުން ހިމެނެ އެވެ.

ހޯމަ ދުވަހު އީޔޫ ކައުންސިލު ބައްދަލުވުން ނިންމާލަމުން ވެސް އީޔޫއިން ސަރުކާރުގެ ވެރިންނަށް އަންގާފައި ވަނީ އިދިކޮޅު ފަރާތްތަކާ އެކު ދެފުށް ފެންނަ މަޝްވަރާތަކަކަށް ދިއުމަށެވެ. އަދި މިހާރުގެ ހާލަތު އިތުރަށް ގޯސްވާ ނަމަ، ނުވަތަ މިހާރުގެ ހާލަތަށް ބަދަލު ނައިސްފި ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.