ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ 20،000ރ.ގެ އެލަވަންސާ ދެކޮޅަށް އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އާއި ސިވިލް ކޯޓަށް މާދަމާ މައްސަލަ ހުށަަޅަން ނިންމައިފި އެވެ.

ކޮމިޓީ އެލަވަންސް ބާތިލުކުރަން ގޮވާލާ ފަރާތްތަކުގެ ސްޕޯކްސްޕާސަން ހަމްޒާ ހަލީލް މިރޭ ވިދާޅުވީ، ކޮމިޓީ އެލަވަންސްގެ މައްސަލަ އޭސީސީއާއި ސިވިލް ކޯޓަށް މާދަމާ ހެނދުނު ހުށަހަޅާނެ ކަމަށެވެ. އަދި އެ މައްސަލަ އޮޑިޓާ ޖެނެރަލްގެ އޮފީހަށް ވެސް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮމިޓީ އެލަވަންސާ ދެކޮޅަށް އަޅުގަނޑުމެން މައްސަލަ ހުށަހަޅަނީ. އެއީ ސިވިލް ސާވަންޓުންގެ މުސާރަ އާއި އެއްޗެހި ބަޖެޓްކޮށްފައި، ބަޖެޓްގައި ފައިސާ ނެތް ކަމަށް ބުނެ ދޫނުކޮށް ހުއްޓާ، މަޖިލީހުގެ މެމްބަރުންނަށް އިތުރު އެލަވަންސެއް ދިނުމަކީ އެކަށީގެންވާ ކަމެއް ނޫނޭ ބުނެ މި ހުށަހަޅަނީ. އޭގެ ތަފްސީލު އަޅުގަނޑުމެން މާދަމާ އަރުވާނަން،" ހަމްޒާ ވިދާޅުވި އެވެ.

އެންމެ ފުރަތަމަ ކޮމިޓީ އެލަވަންސާ ދެކޮޅަށް ކެމްޕޭނު ކުރާ ފަރާތްތަކުން ސިޓީ ހުށަހަޅާނީ މާދަމާ ހެނދުނު 9:00 ޖަހާއިރު ސިވިލް ކޯޓަށް ކަމަށް ހަމްޒާ ވިދާޅުވި އެވެ. އަދި އެއަށްފަހު އޭސީސީއާއި އޮޑިޓާ ޖެނެރަލް އޮފީހަށެވެ.

ރާއްޖެ އަށް ކުރިމަތިވެފައިވާ އިގުތިސާދީ ހީނަރުކަމުން އަރައިނުގަނެވިގެން އުޅެނިކޮށް މަޖިލީހުގެ މެމްބަރުންނަށް 20،000ރ.ގެ ކޮމިޓީ އެލަވަންސް ދިނުމަށް އަހަރަކު 18 މިލިއަން ރުފިޔާ، އަދި ފާއިތުވި ހަތް މަސްދުވަހުގެ އެލަވަންސްގެ ގޮތުގައި ކޮންމެ މެމްބަރަކަށް ގަނޑުކޮށް 140،000ރ. ދޫކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ، ގިނަ ފަރާތްތަކަކުން ދަނީ ފާޑުކިޔަމުންނެވެ.

އެ އެލަވަންސް ދިނުމަށް ސަރުކާރުން އަދި ފައިސާ ދޫކޮށްފައިނުވާ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، މަޖިލީހުން ކޮމިޓީ އެލަވަންސް ބަޖެޓްކޮށްފައި އޮތުމުން އެ ފައިސާ ދޫކުރަން ޖެހޭނެ ކަމަށެވެ.

ނަމަވެސް، އެމަނިކުފާނުގެ ކެބިނެޓްގެ އަށް ވަޒީރުން އެ އެލަވަންސާ ދެކޮޅަށް ޕެޓިޝަނުގައި ސޮއިކުރައްވާފައިވާއިރު، ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒުވެސް ވަނީ އެލަވަންސް ނެގުމާ މެދު ދެވަނަ ވިސްނުމަކަށް ވަޑައިގަތުމަށް މެމްބަރުންނަށް ގޮވާލައްވައިފަ އެވެ. އިނާޒް ވިދާޅުވެފައިވަނީ، އެލަވަންސްގެ ފައިސާ ދޫކުރައްވާނީ ރައީސް ނަޝީދާ މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.