18 Jul 2018, 13:16
އިލެކްޝަންސް ކޮމިޝަންގެ ނިންމުންތަކާ ގުޅިގެން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު ނިންމަވައިފި އެވެ.
އިލެކްޝަންސް ކޮމިޝަން ނިންމާފައި ވަނީ މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ހަތް ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓުމަށެވެ. އެ ނިންމުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.
އިލެކްޝަންސްގެ އެ ނިންމުމާ ގުޅިގެން "ސަން" އާ ވާހަކަ ދައްކަމުން ސުއޫދު ވިދާޅުވީ އެ ނިންމުމަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހައްގުތަކަށް އުނިވާ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 56 ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓިކަން ފާހަގަ ކުރައްވައި ސުއޫދު ވިދާޅުވީ އޭރު އޮތް ހާލަތު އަދި ވެސް ދެމި އެބަ އޮތް ކަމަށެވެ. އަދި ކުރިން އޮތް ހާލަތަށް ބަދަލެއް ނާންނަ ނަމަ ކުރިން ވެސް އަމަލު ކުރި އުސޫލުން އަމަލު ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ، އިލެކްޝަންސް އިން އަމަލު ކުރަން ޖެހޭނީ ގިނަ މީހުންނަށް ދަތި ނުވާ ގޮތަށް ކަމަށެވެ. އެހެން ނޫނީ ގިނަ ބައެއްގެ ހައްގުތައް ގެއްލިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓު ލެވޭނީ އިލެކްޝަންގެ އޮފިޝަލުންނާ އެކު ކަމަށް އެ ކޮމިޝަނުން ނިންމި ނިންމުމާ ގުޅޭ ގޮތުން ސުއޫދު ވިދާޅުވީ ނުކުޅެދުންންތެރިކަން ހުންނަ މީހުންނަށް ވެސް އެމީހުންނަށް އިތުބާރު ކުރެވޭ ފަރާތަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމުގެ ހައްގު ލިބެން ޖެހޭނެ ކަމަށެވެ. އެހެން ނޫނީ ވޯޓުގެ ސިއްރުކަން ގެއްލޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
"އެމީހާ އިހްތިޔާރު ކޮށްފާނެ އޭނާގެ ދަރިއެއް ވެސް. އެހެންވެއްޖިއްޔާ އެ ދަރިއަށް ފުރުސަތު ދޭންވާނެ. އިތުބާރު ކުރެވޭ ފަރާތަކަށް ވޯޓު ލުމުގެ ފުރުސަތު ދޭން ވާނެ." ސުއޫދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ގަވާއިދަށް ބަދަލު ގެނެސްފައި ވަނީ އެއްވެސް ނުފޫޒެއް ނެތި އެމީހަކު ބޭނުން މީހަކަށް ވޯޓު ލުމަށް މަގުފަހި ކުރުމަށް ކަމަށެވެ. އަދި ގަވާއިދަށް ގެނައި އިސްލާހަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޮޑެތި އިންތިޚާބުތަކުގައި ކަންތައް ކުރާ ގޮތް ދިރާސާ ކުރުމަށް ފަހު ގެނައި އިސްލާހެއް ކަމަށެވެ.