14 Sep 2011, 21:12
ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ، މާރާމާރީ ހިންގުމުގެ ކުށް ސަބިތުވެގެން ގދ.ރަތަފަންދޫ އެއްގަމުގެ އަހުމަދު ޝަރީފް 12 އަހަރަށް، އަދި ލ.ގަން، ތުނޑި، ސްނޯރޯސް މާދިހު މުހައްމަދު އަށް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ފެބްރުއަރީ 24، 2011 ގައި ހުޅުމާލޭ ފެރީ ޓާމިނަލްތެރޭގައި ހިންގި ހަމަނުޖެހުމެއްގައި ސ.ފޭދޫ ރޯސްގާޑަން އިސްމާޢީލް ފިރުދައުސްއަށް ޝަރީފް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމާއި އަދި މާދިހު އެކަމުގައި ބައިވެރިވިކަން ހެކިންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށް ހުކުމް އިއްވެވި ގާޒީ ވިދާޅުވި އެވެ. އަދި ފިރުދައުސްއަށް އަނިޔާވެފައިވާކަން އޭނާގެ މެޑިކޯ ލީގަލް ރިކޯޑުން އެންގެން އެބަ އޮތް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ޝަރީފް 12 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވަނީ ގޭންގު ކުށްތައް މަނާކުރުމާބެހޭ ޤާނޫނު )ގެ 15 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުންނެވެ. އަދި އެ މާރާމާރީގެ ބައިވެރިވިކަން މާދިހުގެ މައްޗަށް ސާބިތުވެފައިވާތީ އޭނާ އަށް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ ވެސް އެ މާއްދާތަކުގެ ދަށުންނެވެ.
ޝަރީފާއި އަދި މާދިހުގެ ވެސް ކުށަށް އިންކާރު ކުރި ނަމަވެސް، ޝަރީފްގެ އަތުން ކަތިވަޅިއެއް ފެނުނު ކަމަށާއި އަދި އަދި އެދެމީހުން އެތަނުން ފިލަން ދުވި މަންޒަރު ފެނިފައިވާ ކަމަށް ހެކިވެރިން ވަނީ ބުނެފަ އެވެ.
ގޭންގު ކުށްތައް މަނާ ކުރުމާ ބެހޭ ގާނޫނުގެ 15 ވަނަ މާއްދާގެ ހ.ގެ ދެ ވަނަ ނަންބަރުގައި ބުނެފައި ވަނީ ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމަކީ ކުށެއް ކަމަށެވެ. އަދި އެ މާއްދާގައި ށ. ގައި ބުނެފައި ވަނީ އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ ހ އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.