މާލޭގައި 2015 އާއި 2016 ވަނަ އަހަރުގެ ޓްރެފިކް ޖޫރިމަނާތައް މައާފުކޮށްދީފައި ވާނެކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުނެފިއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ސިޔާޒު ވިދާޅުވީ މާލޭގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން މަގުތައް ތޮއްޖެހި، ޕާކު ކުރާނެ ޖާގައިގެ ދަތިކަން ދިމާވާ ކަމަށެވެ. އެގޮތުން މާލޭ ރިންގު ރޯޑު މަސައްކަތާއި، ބްރިޖާ ގުޅޭ މަގުތަކުގެ މަސައްކަތް އޭނާ ފާހަގަކުރެއްވިއެވެ.

"އަދި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި މަޖީދީމަގުގައިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން ދިޔަ. ތަރައްގީގެ މަސައްކަތްތަކާ ގުޅިގެން އެއްގަމު އުޅަނދު ދުއްވުމާއި ޕާކިންގްގެ ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި.

"އެކަންތައް ހައްލުކުރުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއްވެސް އެޅިފައި އެބަހުރި. އެހެން ނަމަވެސް އެ ފިޔަވަޅުތަކަށް ބަލާއިރުވެސް ގިނަ އަދަދެއްގެ އެއްގަމުއުޅަނދު ގަވައިދާ ހިލާފަށް ޕާކު ކުުރުމާއި މަގުތަކަށް ދަތިވާގޮތަށް ދުއްވުން ވެސް ދޭ،" ސިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޓްރެފިކް ގަވައިދާ ޚިލާފުވުމުގެ ކަންތައް ކޮންޓްރޯލު ކުރުމަށް ފުލުހުން މަސައްކަތް ކުރާ ކަމަށެވެ.

"އެއްގަމު އުޅަނދު ގަވައިދާ ޚިލާފަށް ޕާކު ކުރުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާތަކުގެ ތެރެއިން 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު ކުރެވުނު ޖޫރިމަނާތައް ރައީސް ވަނީ މައާފުކޮށްދެއްވާފައި. 2017 އަދި 2018 ގައި ކުރެވުނު ޖޫރިމަނާތައް މީގެ ތެރެއަކު ނުހިމެނޭ،" ސިޔާޒު ވިދާޅުވިއެވެ.

ޖޫރިމަނާ މައާފުކޮށްދެއްވުމާއެކު 2017 އަދި 2018 ގައި ކުރެވިފައިވާ ޖޫރިމަނާތަކަށް ވެސް ލުޔެއް އަންނާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މިފަހަރު މާފުކުރި ޖޫރިމަނާގެ އަދަދު ހަތް މިލިއަނަށްވުރެ އިތުރުކަމަށް ޓްރާންސްޕޯޓް އޮތޯރިތީން މައުލޫމާތުދެެއެވެ.

ޕާކިން ޖޫރިމަނާ އަށް ބަލާއިރު ފުރަތަމަ ޖޫރިމަނާ ކުރަނީ 200 ރުފިޔާ އިންނެވެ. ދެވަނަ ފަހަރު 500 ރުފިޔާ އަދި ތަކުރާރުވާ ކޮންމެ ފަހަރަކު 750 އިން ޖޫރިމަނާ ކުރެއެވެ. އެއާއެކު ދެ އަހަރުގެ ޖޫރިމަނާ އަށް ލުޔެއް ދިނުމުން ދައްކަން ޖެހޭ ޖޫރިމަނާގެ ލުޔެއް އަންނާނެއެވެ.

ސިޔާޒު ވިދާޅުވީ މާލޭގެ މަގުތައް ތަރައްގީ ކުރުމަށް ކުރާ މަސައްކަތާއެކު މަގުތަކަށް ލުޔެއްލިބި ޓްރެފިކް މައްސަލަތައް ހައްލުވެގެންދާނެ ކަމަށެވެ.