18 Jul 2018, 14:04
އުރީދޫ މޯލްޑިވްސް އިން ދިވެހި ސަރުކާރަށް ތިން ސީ އެމްބިއުލާންސް ހަދިޔާކޮށްފި އެވެ.
އިއްޒައްދީން ފާލަން ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ތިން ސީ އެމްބިއުލާންސްގެ ތެރެއިން ދެ އެމްބިއުލާންސް ވަނީ ދައްކާލައިފަ އެވެ.
ތިން ވަނަ ސީ އެމްބިއުލާންސް އަދި ރާއްޖެ ގެނެސްފައެއްނުވެ އެވެ. އެހެން ނަމަވެސް ކައިރި މުސްތަގުބަލެއްގައި އެ އެމްބިއުލާންސް ވެސް ހަވާލު ކުރާނެ ކަމަށް އުރީދު އިން ބުނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެމްބިއުލާންސްތަކާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވީ ހެލްތު މިނިސްޓްރީ އިންނެވެ.
އެ ސީއެމްބިއުލާސްތަކަކީ އެންމެ ޒަމާނީ ފެންވަރުގެ ސީ އެމްބިއުލާސްތަކެއް ކަމަށް އުރީދޫއިން ބުނެ އެވެ. އެގޮތުން ކޮންމެ އެމްބިއުލާންސެއްގައި 12 މީހުންގެ ޖާގަ ހުންނަ އިރު ބަލި މީހުން ބާއްވާ ދެ އެނދު ހުރެ އެވެ. މި އެމްބިއުލާންސްތަކުގައި އެންމެ ފަހުގެ ނެވިގޭޝަން އިކުއިޕްމެންޓުތައް ހުންނަ އިރު ދެ އޮކްސިޖަން ސިލިންޑަރު ބެހެއްޓުމުގެ ކެޕޭސިޓި ވެސް ހުރެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ އުރީދޫ މޯލްޑިވްސް ކުންފުނިން ވަނީ އދ.ގެ ސަސްޓެއިނަބަލް ޑިވޮލޮޕްމެންޓް ލަނޑުދަނޑިތައް ހާސިލު ކުރުމަށް މަސައްކަތް ފަށާފައި ކަމަށެވެ. އެގޮތުން މި އެމްބިއުލާންސްތައް ހަދިޔާކޮށްފައި ވަނީ އެ ލަނޑުދަނޑިތަކުގެ ތެރެއިން ތިން ވަނަ ލަނޑުދަނޑި ކަމަށްވާ ރަނގަޅު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ލަނޑުދަނޑި ހާސިލުކުރުމުގެ ގޮތުން ކަމަށް ނަޖީބް ވިދާޅުވި އެވެ.
ނަޖީބް ވިދާޅުވީ، "އުރީދޫ މޮބައިލް ހެލްތު ކްލިނިކްސް"ގެ ނަމުގައި އެހެން ޕްރޮގްރާމެއް ވެސް އެކުންފުނިން ފަށަން ނިންމާފައިވާ ކަމަށެވެ. އެ މޮބައިލް ކްލިނިކްތަކުން ރާއްޖޭގެ ރަށްތަަކަށް ޒިޔާރަތްކޮށް ހިލޭ ބޭސްފަރުވާ ކޮށްދޭނެ ކަމަށް ނަޖީބް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ނާޒިމް އިބްރާހިމް ވިދާޅުވީ އުރީދޫ އިން ހަދިޔާ ކުރި ތިން ސީ އެމްބިއުލާންސާ އެކު ރާއްޖޭގެ ސީ އެމްބިއުލާންސްގެ ފްލީޓު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސީ އެމްބިއުލާންސްތަކަކީ ރާއްޖޭގެ ސިއްހީ ދާއިރާގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރާ ވަސީލަތްތަކެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސީ އެމްބިއުލާންސްގެ ހިދުމަތާ ނުލައި ދިވެހި ރައްޔިތުންނަށް އެންމެ ފުރިހަމައަށް ސިއްހީ ހިދުމަތް ނުދެވޭނެ ކަން އެންމެ ފުރަތަމަ ވިސްނިވަޑައިގެންނެވި ރައީސަކީ ރައީސް ޔާމިން ކަމަށެވެ.
"މިއަދު އުރީދޫ އިން އަޅުގަނޑުމެންނަށް ހަދިޔާކޮށްދެއްވި ތިން ސީ އެމްބިއުލާންސާ އެކު، ރައީސް ޔާމީން 2015 އަހަރު ފެެއްޓެވި ސީ އެމްބިއުލާންސްގެ ހިދުމަތުގެ ފްލީޓު 29 ސީ އެމްބިއުލާންސަށް ވެގެންދާނެ." މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އުރީދޫއިން ވަނީ ދިވެހި ސަރުކާރަށް އެއާ އެމްބިއުލާންސެއް ވެސް ފަހުން ހަދިޔާ ކުރަން ނިންމާފައިވާކަން އިއުލާނު ކޮށްފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އުރީދޫ އިން ވަނީ ހަނދާނީ ފިލައެއް ހެލްތު މިނިސްޓަރު ނާޒިމަށް އަރުވައިފަ އެވެ.