ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާނު ހުސައިން މަނިކު ހިޔާނާތަށް މަގު ފަހިވާ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.

އޭސީސީގެ ރައީސް، ހަސަން ލުތުފީ މިރޭ ވިދާޅުވީ އެ ތިން ބޭފުޅުންގެ މައްޗަށް ތުހުމަތު ކުރައްވާ އެފަދަ މައްސަލަތަކެއް ހިމެނޭ ގޮތަށް އޭސީސީއަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ އަދި ކޮމެޓީއާ ހަމައަށް ނާންނަ ކަމަށެވެ. އަދި ވިދާޅުވީ މައްސަލަ ހުށަހެޅި ފަރާތް ގާނޫނުން ރައްކާތެރިކޮށްދޭތީ އެ ފަރާތް ހަމާ ކުރެވެން ނެތް ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މި މައްސަލަ އޭސީއަށް ހުށަހަޅާފައި ވަނީ ޑީއާރްޕީގެ މެންބަރެކެވެ.
އެ މެންބަރަކީ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތެކެވެ.

"މައްސަލަ އެބައޮތް އެކަމަކު އަދި ކޮމެޓީއަކަށް ނާދޭ. ކޮމެޓީއަށް އައުމުން އެކަން އަޅުގަނޑުމެން ބަލާނަން،" ލުތުފީ ވިދާޅުވި އެވެ.


ޑީޢާރްޕީން ވަކިވަޑައިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއެކު ޕްރޮގެރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ހެއްދެވުމުގައި އިސްކޮށް އުޅުއްވާ ނިހާނާއި މަހުލޫފާއި އިލްހާމްގެ މައްޗަށް އެ ފަރާތުން ޝަކުވާ ހުށަހަޅާފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހު އެވެ.

އެ ތިން ބޭފުޅުންގެ މައްޗަށް ހުށަހަޅާ މައްސަލަތައް ބަލައި ދިނުމަށް އެދި ޝަކުވާ ހުށަހެޅި ފަރާތުން އޭސީސީއަށް ފޮނުވި ސިޓީގައި ބުނަނީ ޕީޕީއެމް ހެދުމަށް ޑީއާރްޕީން ވަކިވެގެން ދިޔަ މަޖިލީހުގެ މެންބަރުން ކޮރަޕްޝަނަށް މަގު ފަހިވާ ފަދަ އަމަލު ހިންގާފައިވާތީ އޭސީސީގެ ސަމާލު ކަމަށް އެކަން ގެންނަ ކަމަށާއި އެކަން ތަހުގީގު ކުރައްވައި އޭސީސީގެ ޒިންމާ އަދާ ކޮށްދިނުމަށެވެ.

އެ ސިޓީގައި މަހުލޫފާ ބެހޭ ގޮތުން ބުނެފައި ވަނީ "ދަޖީންސް" ނަމަކަށް ކިޔާ ފިހާރައެއް މަހުލޫފުގެ ހުންނަ ކަމަށެވެ. އަދި ޓެކްސް ބިލްތަލަށް ފިއްލަވަން މެލޭޝިޔާއަށް ވަޑައިގެން ވިޔަފާރި ހިންގަވައި ޗެކް ބެހެއްޓެވުމަށް ފަހު ސިޔާސީ ބޭފުޅުން އަތުން މިލިޔަނަކަށް ވުރެ ގިނަ ފައިސާ ނަންގަވާފައިވާ ކަމަށާއި މަހުލޫފުގެ މާލީ ބަޔާން އޮޅުވާލައްވާފައިވާ ކަމަށެވެ.
~
އިލްހާމަ ބެހޭ ގޮތުން ބުނެފައި ވަނީ އިލްހާމްގެ މިލްކުގައި ކާރެއް އޮންނަ ކަމަށާއި އަބްދުﷲ ޔާމީނާ ބައިވެރިވެ ވަޑައިގެން ޔާމީންގެ ބައިވެރިންނާއެކު ސްރީލަންކާގައި ވަގު ވިޔަފާރި ކުރައްވާ ކަމަށެވެ. އިލްހާމް ސްރީލަންކާއަށް ކުރައްވެވި އެފަދަ ދަތުރުތަކުގެ ތަފުސީލު އިލްހާމްގެ ޕާސްޕޯޓުން ސާފުވާނެ ކަމަށެވެ.

ނިހާނާ ބެހޭ ގޮތުން ބުނަނީ ނިހާނުގެ މިލްކުގައި ޑެމިއޯ ކާރެއް އޮންނައިރު 8181 ނަމްބަރުގެ އަގުބޮޑު ޑޮމެއިން އެއް ވެސް އޮންނަ ކަމަށެވެ.

މި މައްސަލައާ ބެހޭތުން މަހުލޫފާއި ނިހާނުގެ ބައެއް ނުލިބުނެވެ. ނަމަވެސް އިލްހާމް ވިދާޅުވީ އޭނާގެ ބޭފުޅުންނާއި އަނބިކަނބަލުން ސްރީލަންކާގައި ކިޔެވުމަށާއި ބޭސް ފަރުވާއަށް ވަޑައިގެން ތިއްބަވާ ކަމަށާއި އިލްހާމްވެސް ވަރަށް ގިނައިން ސްރީލަންކާއަށް ދަތުރު ކުރައްވާ ކަމަށެވެ.

"ތިކަމަކާ އަޅުގަނޑު ހައިރާނެއް ނުވޭ. އެކަމަކު އަޅުގަނޑަކީ ވިޔަފާރު ކުރާ މީހެއްނޫން އެކަހަލަ ހުއްދައެއް އޮންނަ މީހެއް ވެސް ނޫން ތިއީ ވަރަށް ފޭކް ވާހަކައެއް، އަޅުގަނޑު ވެސް ތިވާހަކަ އަޑު އަހައިފިން،" އިލްހާމް ވިދާޅުވި އެވެ.