18 Jul 2018, 10:52
ސެޕްޓެމްބަރ 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބްގައި އިދިކޮޅު ޕާޓީތަކުގެ ފަރާތުން ވާދަކުރައްވާނެ ކަން އިއުލާންކޮށްފައިވާ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އޭނާގެ ކެމްޕެއިން މެދުކަނޑާލައި، އިނގިރޭސި ވިލާތަށް ވަޑައިގެންފިއެވެ.
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްއާއި ޗެއާޕާސަން ހަސަން ލަތީފްއާ އެކު އިބޫ ހުންނެވި ފޮޓޯއަކާ އެކު، އެމްޑީޕީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ނުރަސްމީ ދަތުރުފުޅެއްގައި އިބޫ އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އިބޫ އިނގިރޭސި ވިލާތަށް ވަޑައިގަންނަވަނީ ދަރިކަނބަލުންގެ ގްރެޖުއޭޝަނުގައި ބައިވެރިވެވަޑައިގަތުމަށެވެ.
އައްޑޫ އަދި ފުވައްމުލަކަށް ކުރެއްވި ކެމްޕޭން ދަތުރުފުޅަށް ފަހު މާލެ ވަޑައިގެން މީޑިއާއާ ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ދެ ތިން ދުވަހަކަށް ރާއްޖޭން ބޭރަށް ކުރަންޖެހޭ ދަތުރަކަށް ފުރައިވަޑައިގަންނަވާނެ ކަމަށެވެ. އަދި އަތޮޅުތަކަށް ކެމްޕޭން ދަތުރުތައް ފަށާނީ ރާއްޖޭން ބޭރަށް ކުރައްވާ ދަތުރު ނިންމަވާލެއްވުމަށްފަހު މިމަހުގެ 23ގެ ފަހުން ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.
ކެމްޕެއިން މެދުކަނޑާލެއްވުމަށްފަހު އިބޫ ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ނަމަވެސް އެމަނިކުފާނުގެ ރަނިންމޭޓަކަށް ޖުމްހޫރީ ޕާޓީން ހަމަޖެއްސި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ހުންނެވީ މާލޭގައެވެ. އަދި އޭނާ ގެންދަވަނީ އިދިކޮޅު ޕާޓީތަކުގެ އިސްފަރާތްތަކާއި އެކު ކެމްޕެއިން ކުރައްވަމުންނެވެ.