14 Sep 2011, 18:12
މަސްތުވާތަކެތި ތަހުލީލުކުރަން ފުލުހުން ބޭނުންކުރާ މެޝިން ހަލާކުވެގެން އެ ތަހުލީލުތައް ނުކުރެވޭތާ ތިން މަސް ދުވަސްވެއްޖެ އެވެ.
ކްރިމިނަލް ކޯޓުން ބުނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޯޓަށް ހާޒިރުކުރާ ގިނަ ބަޔަކު ބަންދުގައި ތިބިއިރު، އެ މީހުންގެ އަތުން ފެނުނު ކަމަށް ތުހުމަތުކޮށްފައިވާ މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓްތައް ލިބުން ލަސްވެފައިވާ ކަމަށާއި އެކަމުގެ ޝަކުވާ ގިނަ އަދަދެއްގެ ބަޔަކު ކުރަމުން ގެންދާ ކަމަށެވެ.
މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓްތައް ލިބުން ލަސްވަމުންދާތީއާއި ބަންދުގައި ތިބޭ މީހުންގެ ބަންދުގެ މުއްދަތު އިތުރުވަމުންދިއުމާ ގުޅިގެން ކޯޓުން އެ މައްސަލަ ބެލިބެލުމުން މަސްތުވާތަކެތީގެ ތަހްލީލުތައް ކުރަން ފުލުހުން ބޭނުންކުރަމުން ގެންދިޔަ މެޝިނު މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހުން ފެށިގެން ހަލާކުވެ، ބޭނުންކުރަމުން ނުދާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ވެސް ކޯޓުން ބުންޏެވެ. އަދި އެ ތަހުލީލުތައް ކުރެވޭނެ އިތުރު ގޮތެއް މިވަގުތު ނެތް ކަމަށް ފުލުހުން ބުނެފައިވާ ކަމަށްވެސް ކޯޓުން ވަނީ ބުނެފަ އެވެ.
ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ފުލުހުންގެ ތަހުގީގަށް ބޭނުންވާ ކަންތައްތައް ކުރާނެ ކަމަށާއި މަސްތުވާތަކެތި ތަހުލީލުކުރާ އެތައް މެސިނެއް ފުލުހުންގެ ބޭނުން ކުރާނެ ކަމަށެވެ. އަދި އެކަތި ހަލާކުވެއްޖެނަމަ އިތުރު ގޮތްތައް ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ މެޝިން ހުރީ ހަލާކުވެފައި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ވިދާޅެއް ނުވެ އެވެ. އަދި ތަހުލީލު ރިޕޯޓްތައް ލިބުން ލަސްވާ ސަބަބެއް ވެސް ވިދާޅެއްނުވެ އެވެ.
"މަސްތުވާތަކެތި ތަހްލީލު ކުރުމަށް އެތައް މެޝިނެއް ބޭނުންކުރޭ. ތަހްގީގަށް ބޭނުންވެއްޖެ ހާލަތެއްގައި ރާއްޖޭން ބޭރަށް ފޮނުވައިގެންވެސް އެޓެސްޓްތައް ހަދާނެ،" ޝިޔާމް ވިދާޅުވި އެވެ.