އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މަސްވެރިންނަށް އިސްކަން ދޭނެ ކަމަށާއި މަސްވެރިންނަށް ޚާއްސަ "ފިޝަމަންސް ކާޑެއް" ތައާރަފު ކުރައްވާނެ ކަމަށް ރާއީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.

ހއ. ހޯރަފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އާންމު ހިދުމަތްތައް ފޯރުކޮށްދިނުމުގައި މަސްވެރިންނަށް އިސްކަން ދިނުމަށް މަސްވެރިންނަށް ޚާއްސަ ފިޝަމަންސް ކާޑެއް ތައާރަފު ކުރައްވާނެ ކަމަށެވެ. މި ކާޑާއެކު އާންމު ޚިދުމަތްތައް ހޯދުމަށް ކިޔުގައި ޖެހެން މަސްވެރިންނަށް ނުޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު މަސްވެރިންނަށް ދަންނަވާލަން ބޭނުންވަނީ އާންމު ޚިދުމަތްތައް ލިބުމުގައި އަޅުގަނޑުމެން އެބަ ތަޢާރަފްކުރަން ފިޝަމަން ކާޑެއް. ނޫނީ މަސްވެރިންނަށް ދޭ އައިޑީ ކާޑެއް. އޭގެ ބޭނުމަކަށް ވަނީ ހޮސްޕިޓަލަކަށް ދިޔަސް ރާއްޖެއިން ބޭރަށްދާން ޕާސްޕޯޓެއް ހައްދަން ދިޔަޔަސް އަދި އިމިގްރޭޝަނަށް ދިޔަޔަސް ދަޢުލަތުން މި ދޭ ޢާންމު ޚިދުމަތްތައް ލިބުމުގައި މަސްވެރިންނަށް އަޅުގަނޑުމެންގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ އިސްކަންދޭނަން. އިރާދަކުރެއްވިއްޔާ އެމީހުން ނުޖެހޭނެ އާންމު ޚިދުމަތްތައް ހޯދަންގޮސް ތަންތަނުގެ ދިގު ކިޔުތަކުގައި ތިބޭކަށް ނުޖެހޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ބޮޑު ކަންނެލި ގަނެވޭނެ އެންމެ ދަށް އަގެއް ކަނޑައަޅުއްވައިދެއްވާނެ ކަމަށާއި އެއަށް ވުރެ ދަށް އަގަކަށް އެ މަސް ނުވިއްކޭނެ ގޮތް ހައްދަވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި މިހާރު ނިންމާފައި މި އޮތީ ރީނދޫ އުރަހަ ކަންނެލި އޭގެ އެންމެ ދަށް ވެގެން ގަންނާނެ އަގެއް އަޅުގަނޑުމެން ކަނޑައަޅާނަން، އެއަށް ވުރެ ދަށް އަގެއްގައި ރީނދޫ އުރަހަ ކަންނެލި ވިއްކާކަށް ހުއްދައެއް ނޯންނާނެ، މަސްވެރިންނަށް ކަށަވަރުކޮށްދޭ ކަމެއް މިއީ،"

އެމްޑީޕީގެ މެނިފެސްޓޯގައި މަސްވެރިންނާ ގުޅޭގޮތުން ބުނެފައިވާ ކޮންމެ މަސްވެރިއަކަށް 35 ޑޮލަރު ދޭނެ ކަމުގެ ވައުދަށް އިޝާރާތް ކުރައްވާ ރައީސް ވަނީ އެ ފައިސާ ހޯދާނީ ކިހިނެއްތޯ ސުވާލު ކުރައްވައިފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓު ތައް ހެދިފައި އެބަހުރި ކަމަށާއި އެ އައިސްޕްލާންޓުތަކުން މެދުނުކެނޑި އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސީ މި ސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ. ކުރީ ސަރުކާރު ތަކުގައި އައިސް ޕްލާންޓުތައް މަރާމާތު ކުރަން މަސައްކަތް ކޮށްފައި ނުވާތީ ރައީސް ވަނީ އެކަމާ ސުވާލު ކުރައްވައިފައެވެ.