އެއާ ޓްރެފިކް ކޮންޓްރޯލް ސާވިސްގައި ހިދުމަތްކުރާނެ ޓްރެފިކް ކޮންޓްރޯލަރުން ބިނާކުރުމުގެ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ (އެމްއެލްސީ) އިން އެކަމަށް އެދޭ ޒުވާނުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއެލްސީން ބުނީ އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ފޯރުކޮށްދެމުން ގެންދަނީ ދެ ސްޓްރީމަކަށް ބަހާލައިގެން ކަމަށާއި އެއީ ޓަވާ ސްރީމާއި އޭރިއާ ސްޓްރީމް ކަމަށެވެ. އަދި އެ ދެ ސްޓްރީމްގެ ތެރެއިން އެމީހަކު ބޭނުން ސްރީމަކުން ކުރިއަށް ގޮސް އެސްޓްރީމްގެ ހުރިހާ ސެޓްފިކެޓްތައް ހޯދުމަށް ތިން އަހަރު ވަރު ހޭދަކުރަން ޖެހޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެމްއެލްސީން ބުނީ އެއާޓްރެފިކް ކޮންޓްރޯލަރުން ކޮންމެހެން ފުރިހަމަ ކުރަންޖެހޭ ކޯސްތަކުގެ ތެރެއިން ބޭސިކް އެއާ ޓްރެފިކް ކޮންޓްރޯލް ކޯސް އަންނަ މަހު ކުރީކޮޅު އާއްމުކޮށް ހުރިހާ ފަރާތްތަކަކަށްވެސް ބައިބވެރިވެވޭ ގޮތަށް ހުޅުވާލާނެ ކަމަށެވެ. އެއާ ޓްރެފިކް ކޮންޓްރޯލަރު ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 22 ގެ ނިޔަލަށް ވަނީ އެފުރުސަތު ހުޅުވާލާފަ އެވެ.

މަތިންދާ ބޯޓް ޕައިލެޓުންނެކޭ އެއްފަދައިން އެއާ ޓްރެފިކް ކޮންޓްރޯލަރުންނަކީ ވެސް އެކަމަށް ބެނުންވާ ތަމްރީން ހެދުމަށްފަހު ރާއްޖޭގެ ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓުން ލައިސަންސް ލިބިގެން ކުރޭވޭ މަސައްކަތެކެވެ. އަދި ރާއްޖޭން މިކަމަށްޓަކައި ދޫކުރާ ލައިސަންސްއަކީ ރާއްޖޭން ބޭރުގައިވެސް ގަބޫލްކުރާ ލައިސަންސެއް ކަމަށްވެސް އެކުންފުނިން ބުންޏެވެ.

އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ވަޒީފާއަށް މީހުން ބިނާކުރުމަށް އެމްއެލްސީއިން ގެންދަނީ ރާއްޖޭންނާއި ރާއްޖެއިން ބޭރުން އެމީހުންނަށް ތަމްރީން ހޯދައިދެމުންނެވެ. އަދި ރާއްޖޭން ބޭރުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތަކަށް އެފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ. އަދި މިހާރުވެސް ރާއްޖޭގެ ދެ ދިވެއްސަކު ޔުނައިޓެޑް އަރަބި އިމާރާތުގައި މިހާރުވެސް ގެންދަނީ ވަޒީފާ އަދާކުރަމުންނެވެ.

އެއާ ޓްރެފިކް ކޮންޓްރޯލަރަކަށް ރާއްޖޭގައި މުސާރައިގެ ގޮތުގައި 25000ރ. ލިބެ އެވެ.