17 Jul 2018, 19:17
ރާއްޖޭގެ ތަރައްގީ އަށް ސަރުކާރުން ކުރާ މަސައްކަތް އެތެރެއާ ބޭރުންވެސް ތިބީ ބަލަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
ހއ. އިހަވަންދޫ ނަރުދަމާގެ މަސައްކަތް ނިންމުން ފާހަގަކުރުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާޢްޖޭގައި ތަރައްގީގެ އަސަރު ނުފެންނަ އެއްވެސް ސަރަހައްދެއް ނޯންނާނެ ކަމަށެވެ.
"ކޮން ދައުލަތެއްތޯ ބޭނުން ނުވާނީ އިހައްދުވަހު އެނބޫދޫ ފިނޮޅުގައިި އެ ކުރި އިންވެސްޓުމެންޓު އެއިން ގައުމެއްގައި ހެދެން؟ އެކަހަލަ ކޮންމެ އިންވެސްޓުމެންޓެއް ރާއްޖެ އަށް މި އަންނަނީ އުތުރުން އަޔަސްް ދެކުނުން އަޔަސް ހުޅަނގުން އަޔަސް އެހެން ބައްރެއް ހުރަސްކޮށްފައި. ކޮންމެ ސަރުކާރަކުން ސިޔާސަތުތައް ބައްޓަން އެކުރަނީ ވިޔަފާރިއަށް ފަހި މާހައުލެއް އެ ތަންތަނުގައި އުފެއްދުމަށް ޓަކާ،" ރައީސް ވިދާޅުވީ އެ ގައުމުތަކުގައި ހުރީ ރާއްޖެއަށްވުރެ ދޮށީ މުވައްސަސާތަކެއް ކަމަށެވެ.
"އެވަރު ވާދަވެރި ބައެއްގެ ތެރޭގައި ގަދަ ކަނޑެއްގެ ތެރޭގައި އަޅުގަނޑުމެންގެ ނައު ދަތުރުކުރަން ހިފަހައްޓާލެވުމަކީ ﷲ އަޅުގަނޑުމެންނަށް މިންވަރު ކުރެއްވި ނަސީބެއް. އެ ނަސީބަށް ފުރަގަސް ދީގެން ނުވާނެ،"
ރައީސް ވިދާޅުވީ ރާއްޖެ އަށް އިންވެސްޓަރުން އަންނަނީ މި ގަދަ ކަނޑުގެ ތެރޭގައި ކުރާ މަސައްކަތުގެ ސަބަބުން ކަމަށެވެ.
މި ސަރުކާރުގެ ހަތަރު އަހަރުގެ މުއްދަތުގެ ތެރޭގައި ގެނެސްފައިވާ ތަރައްގީގެ އުސްއަލިތައް ރާއްޖޭގެ އެކި ދިމަ ދިމާ އިން ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކޮންކްރީޓުން އުފުލިގެންދާ އިމާރާތަކީ ތަރައްގީ ކަމަށާއި ފެނާ ނަރުދަމާ ހޮޅި ވަޅުލައި 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ދެވުމަކީވެސް ތަރައްގީ ކަމަށެވެ. އަދި ކުޑަ އަދި ބޮޑ ހުރިހާ ރަށެއްގައި 24 ގަޑިއިރުގެ ޚިދުމަތްދޭ އެސްޓީއޯގެ ބޭސްފިހާރަ ހުރުމަކީވެސް ތަރައްގީކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންތައް ތަރައްގީވި މި ސަރުކާރުގައި މި ފާއިތުވި ފަސް އަހަރެއްހައި ދުވަހުގެ ތެރޭގައެވެ.
"ރައްޔިތުންނަށް ލިބޭ ކޮންމެ އުފަލެއްގައި ބައިވެރިވުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް. ތި ބޭފުޅުންނަށް ލިބޭ ތަރައްގީގައި އަޅުގަނޑުގެ ހިއްސާ އޮތުމަކީ ލިބޭ ޝަރަފެއް. ރާއްޖެ އަށް އަަންނަ ކުރިއެރުމަކީ އަޅުގަނޑުގެ ހިއްސާ އެއް އޮވެއްޖެ ނަމަ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ލިބޭ ފުރުސަަތެއް،" ރައީސް ވިދާޅުވިއެވެ.
މާލެ އާއި ހުޅުލެ އާ ދެމެދު އަޅާ ބްރިޖުގެ ފައިދާ އެންމެ ބޮޑަށް ކުރާނެ ބަޔަކީ މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ރށްރަަށުގެ ރައްޔިތުން ކަމަށާއި ބްރިޖުގެ ބޭނުން ކުރާ މީހުންގެ ތެރޭ ފާޑު ކިޔާ މީހުންވެސް އުޅޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބްރިޖު ބޭނުން ނުކުރާނެ ބަޔަކުވެސް އުޅެދާނެ ކަމަށާއި ތަރައްގީ ބޭނުން ނުވާނަމަ އެފަދަ މީހުން ދަތުރުކުރަންވީ ބޮއްކުރާތަކުގައި ކަމަށެވެ.
މާލޭގައި އިމާރާތްކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލަށް އިޝާރާތް ކުރައްވާރައީސް ވިދާޅުވީ އަމާޒަކީ ސިންގަޕޫރުންް ލިބޭ ޚިދުމަތްތައް އެ ހޮސްޕިޓަލުން ފޯރުކޮށްދިނުން ކަމަށެވެ. ހޮސްޕިޓަލު އެޅުމާ ދެކޮޅަށް އަޑުއުފުލާ މީހުން ވެސް އެތަނުން ފަރުވާ ހޯދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހި ދައުލަތަށް ދިމާވާ ނުރައްކާތައް މިއަދުވެސް ދިމާވަނީ ކުރިންވެސް ދިމާވެފައިހުރި ގޮތަށް ކަމަށައި ހަމައެކަނި ތަފާތީ ވަސީލަތްތައް ކަމަށެވެ.
އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ އިގްތިސާދަށް ދިން ގެއްލުންތައް ފާހަގަކުރައްވާ ރައީސް ވަނީ އެއާޕޯޓު ބޭރުގެ ފަރާތްތަކަށް ވިއްކާލީ ކީއްވެެގެންތޯ އާއި އޭގެ ސަބަބުން ރައްޔިތުންނަށް ލިބުނީ ކޮން ފައިދާ އެއްތޯ އަދި ފަހުން އައި މީހުން އުފުލަން ޖެހުނީ ކޮން ތުރާލެއްތޯ ސުވާލު ކުރައްވައިފައެވެ. ފެން ކުންފުނީގެ ހިއްސާ ވިއްކާނުލި ނަމަ މިހާރަށްވުރެ ހެޔޮ އަގުގައި ފެން ލިބޭނެ ކަމަށާއި ފެން ކުންފުނީގެ ހިއްސާ ވިއްކައިލީ ކީއްވެގެން ކަންވެސް އެ ފަރާތްތަކުން ރައްޔިތުންނަށް ބުނެދެން ޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.