ހިޔާ މަޝްރޫއަށް ކުރިމަތިލާ މީހުންގެ އައިޑީ ކާޑު ނަގާކަމަށް ދެކެވޭ ވާހަކަތައް ހައުސިން މިނިސްޓްރީން މިއަދު ދޮގުކޮށްފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް ހަސަން ޒަރީރު ވިދާޅުވީ އެއްވެސް ބޭނުމެއްގައި އެ މިނިސްޓްރީން އެއްވެސް މީހެއްގެ އައިޑީކާޑު ނަގާފައިނުވާނެކަމަށެވެ.

"އެއްވެސް ބޭނުމަކަށް ހައުސިން މިނިސްޓްރީން އެއްވެސް މީހެއްގެ އައިޑީކާޑު ނަގާފައެއް ނުވާނެ. ހިޔާ މަޝްރޫއަށް ފޯމުލާ މީހުންގެ އައިޑީކާޑު މައުލޫމާތު ނެގުމަށް ފަހު ވަގުތުން ވަގުތަށް ވާނީ ދީފައި،" ވޯޓު އޮޅުވާޅުމަށް އައިޑީ ކާޑު ނަގަމުން ދާކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރަމުން ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ އެފަދަ ވާހަކަތައް ބައެއް މީހުން ދައްކަމުންދަނީ ހިޔާ މަޝްރޫއަށް ރައްޔިތުންގެ ފަރާތުން ލިބޭ ތާއީދު ބޮޑުކަމުން އެކަން ހަޖަމް ނުވެގެންކަމަށެވެ.

ހިޔާ މަޝްރޫއަށް ލިބެމުންދާ ތާއީދު ފާހާގަ ކުރައްވައި ޒަރީރު ވިދާޅުވީ ދުވާލަކު 200 އެއްހާ ފޯމް ހިޔާ މަޝްރޫއަށް އެދި ހުށައަޅާކަމަށެވެ.

ދަފްތަރުގައި ރަޖިސްޓްރީވާ މީހުންގެ ތެރެއިން ހިޔާ މަޝްރޫއުގެ ދަށުން ދަފްތަރު ކެޓެގަރީ އަށް ފޯމުލާ މީހުންނަށް އަންނަ މަހުގެ 31 ގެ ކުރިން ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅަން ޖެހޭނެއެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވީ ދަފްތަރުގައި ޖެހުމަށް އެދި ފޯމް ހުށަހެޅުމުން އެ މިނިސްޓްރީން ސްލިޕެއް ދޭނެ ކަމަށާއި ފްލެޓަށް އެދޭއިރު އެ ސްލިޕާއެކު ފޯމު ހުށަހެޅޭނެ ކަމަށެވެ. ދާއިމީކޮށް ދަފްތަރުގައި ޖަހައިދޭނީ އިންތިޚާބަށް ފަހު ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ދަފްތަރުގައި ރަސްޓްރީވުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާއިރު ހައުސިން މިނިސްޓްރީ އިން ވަނީ ހިޔާ މަޝްރޫއުގެ ދަށުން ދަފްތަރު ކެޓެގަރީ އަށް މާކްސްދޭ މިންގަނޑަށްވެސް ބަދަލު ގެނެސްފައެވެ.