ތިން ވަނަ ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ ފިރިހެން އޯޕަން ބައިގެ ފައިނަލުގެ ފުރަތަމަ ޖާގަ އަޝްފާގް އާދަމް އާއި އިސްމާއިލް ސާޖިދުގެ ޕެއާ ކަށަވަރު ކޮށްފިއެވެ.

ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުވާނީ ޝާމިލު އާއި އަކުބަރުގެ ޕެއާ އާ ދެކޮޅަށް އަދުނާން އާއި ޝާހިދު މިއަދު ކުޅޭ މެޗަށް ފަހުއެވެ.

މިދިޔަ އަހަރުގެ ބީޗް ވޮލީބޯޅަ މުބާރާތުގެ ފިރިހެން އޯޕަން ބައިގެ ޗެމްޕިއަން އަޝްފާގާއި ސާޖިދު ފައިނަލާއި ހަމައަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅު ވެގެންނެވެ. ޝާމިލާއި އަކުބަރުގެ ޕެއާ އިއްޔެ އަޝްފާގާއި ސާޖިދު ގެ ޕެއާ އަތުން ބަލިވީ 2-1 ސެޓުންނެވެ.

މިހާތަނަށް ފިރިހެން އޯޕަން ބައިގެ މެޗުތައް ތިން ދުވަހެއްގެ މަތިން ކުޅެފައިވާއިރު 42 މެޗުގެ ތެރެއިން މިހާތަނަށް 40 މެޗު ކުޅެވިފައި ވެއެވެ. މިއަދު ކުޅޭ މެޗަށް ފަހު ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ.

މިމުބާރާތުގެ އޯޕަން އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ނާޒިމާ އާއި ޔުމްނާ ގެ ޕެއާ އެވެ. މިދިޔަ ހޮނިހިރު ދުވަހު ކުޅުނު އަންހެން އޯޕަން ބައިގެ ފައިނަލު މެޗު ނާޒިމާ އާއި ޔުމްނާ ކާމިޔާބުކުރީ ސަމާ އާއި ޒީނާ ސީދާ ދެ ސެޓުން ބަލިކުރުމަށް ފަހުއެވެ.

އާޓިފިޝަލް ބީޗު ސަރަހައްދުގައި އޮންނަ ދޮންގަނޑު ބީޗް ކޯޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތިންވަނަ ބީޗް ގައުމީ ވޮލީބޯޅަ މުބާރާތުގައި ތިން އަންހެން ޓީމާއި އަށް ފިރިހެން ޓީމު ބައިވެރިވި އެވެ. އޯޕަން ބައިގައި އަށް އަންހެން ޕެއާ އާއި 22 ފިރިހެން ޕެއާ ބައިވެރިވެ އެވެ.

ޓީމު އިވެންޓުތަކުގެ ފިރިހެން ޗެމްޕިއަންކަން ޕޮލިސް ކުލަބާއި ވާދަކޮށް ގުޑީސް ހޯދާފައި ވަނީ 2-1 އިންނެވެ. ފިރިހެން ޓީމު އިވެންޓުތައް ބުރާސްފަތި ދުވަހު ވަނީ ނިމިފަ އެވެ. އަންހެން ޓީމު އިވެންޓުގެ ވެސް ފައިނަލުން ޖާގަ ހޯދާފައި ވަނީ ޕޮލިސް ކުލަބާއި ގުޑީސް އެވެ. މި އިވެންޓުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ. ހުކުރު ދުވަހު ކުޅޭ އަންހެން ޓީމު އިވެންޓުގެ ފައިނަލު މެޗު ހަވީރު 4:00 ގައި ފެށުމަށް ހަމަޖެހިފައިވާ އިރު، ފިރިހެން އޯޕަން ބައިގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހަވީރު 5:00 ގައެވެ.