ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރުން ހއ. ތިމާވެއްޓާއި ހަކަދައިގެ ދާއިރާގެ ތަރައްގީއަށްް 154 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެންވާރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހއ. ހޯރަފުށީގެ ގޮނޑުދޮށް ހިމާޔަތްކޮށް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޠާރިޤު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގެން ހޯރަފުށީގެ ތަރައްގީއަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިފައިވާ ކަމަށެވެ.

'' އަޅުގަނޑުމެން މިރަަށަށް ހަތަރު އަހަރު ކުރިން އައިއިރު، މިރަށުގެ ރައްޔިތުން އެންމެެ ބޮޑަށް ބޭނުންވެފައި އޮތް އެއް ކަމެއްގެ ތެރޭގައި ހޯރަފުށީގެ ގިރާ ސަރަހައްދުގެ ވާހަކަވެސް ދެކެވިގެން ދިޔަ. ވަރަށް ގިނަ ބަޔަަކަށް ގިރާ ސަރަހައްދުގެ ސަބަބުން ގެއްލުންތަކެއްވާ ވާހަކަ ދެކެވުނު،" ޠާރިޤު ވިދާޅުވިއެވެ.

ގޮނޑުދޮށް ހިމާޔަތްކުރުމަށް ސަރުކާރުން ހޯރަފުށީގައި ފެށި މަަަސައްކަތުގެ ސަބަބުން އެރަށުގެ ތިން ސަރަހައްދަކުން 880 މީޓަރުގެ ސަރަހަައްދެއް ހިމާޔަތްކުރެވިފައިވާ ކަމަށް ޠާރިޤު ވިދާޅުވިއެވެ.

އެ މަސައްކަތަށް ސަރުކާރުގެ ބަޖެޓުން 21 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށްވެސް މިިނިސްޓަރު ވިދާޅުވިއެވެ.

ހޯރަފުށީގައި ހިންގި ނަރުދަމާގެ މަސައްކަތް ނިންމިއިރު އެ މަސައްކަތަށް ވެސް 60 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފެން ހޮޅިވަޅުލައި ފެނުގެ ހިދުމަތް ދީ އަދި އެރަށުގައި ސޯލާ ޕެނަލް ބެހެއްޓުމަށް މިހާރު ކުރެވެމުންދާ މަސައްކަތް ވަރަށް އަވަހަަށް ނިންމާލެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ހުރިހާ ކަމަކަށް ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭ 154 މިލިއަން ރުފިޔާ ޖުމްލަ ހަރަދުވެފައިވާ ކަމަށެވެ.