17 Jul 2018, 16:00
ސްޕެއިންގެ ވަރުގަދަ ބާސެލޯނާއަށް މިދިޔަ ސީޒަންގައި ރެކޯޑު އަދަދަކަށް އާމްދަނީ އިތުރުވެއްޖެއެވެ.
ބާސެލޯނާއިން ބުނެފައިވަނީ މިދިޔަ ސީޒަންގައި އެ ކްލަބަށް 809 މިލިއަން ޕައުންޑްގެ އާމްދަނީއެއް ވަދެފައިވާ ކަމަށެވެ. އަދި 2021 ވަނަ އަހަރު އެ ކްލަބަށް ބިލިއަން ޕައުންޑުގެ އާމްދަނީއެއް ވަންނާނެ ކަމަށްވެސް ކްލަބުން ވަނީ އަންދާޒާ ކޮށްފައެވެ.
މިދިޔަ ސީޒަންގައި ބާސެލޯނާއިން ޕީއެސްޖީއަށް ބަދަލުވި ނޭމާ ވިއްކާލުމުން ކްލަބަށް 200.6 މިލިއަން ޕައުންޑުގެ އަދަދެއް ލިބިފައިވާ އިރު، ބާސާއިން ވަނީ ކުޅުންތެރިން ގެންދިއުމަށް ދެފަހަރު މަތިން ކްލަބުގެ ޓްރާންސްފާ ރެކޯޑު މުގުރާލައިފައެވެ.
ލިވަޕޫލަށް ކުޅެމުންދިޔަ ފިލިޕް ކުޓީނިއޯ ހޯދުމަށް 106.4 މިލިއަން ޕައުންޑް ހޭދަކޮށްފައިވާ އިރު، އޭގެ ކުރިން ބާސާއިން ވަނީ ޑޯޓުމަންޑަށް ކުޅެމުންދިޔަ އޮސްމާން ޑެންބެލޭގެ ސޮއި ހޯދުމަށް 96.8 މިލިއަން ޕައުންޑް ހަރަދުކޮށްފައެވެ.
ބާސާގެ ކްލަބު ހިންގުމުގެ ހަރަދެއްގެ ގޮތުގައި 32 މިލިއަން ޕައުންޑް މިދިޔަ ސީޒަނަށް ހޭދަވެފައިވާ އިރު، ކްލަބުގެ ސާފް ފައިސާގެ އަދަދު 13 މިލިއަން ޕައުންޑަށް އަރާފައިވެއެވެ.
ބާސާއިން މިދިޔަ ސީޒަންގެ ސްޕެނިޝް ލީގާއި ކޮޕާ ޑެލްރޭގެ ތަށިވެސް އުފުލާލާފައިވާ އިރު، ކްލަބަށް ނާކާމިޔާބީއާ ކުރިމަތިވީ ޗެމްޕިއަންސް ލީގުގައެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ބާސާ ކެޓީ އިޓަލީގެ ރޯމާ އަތުންނެވެ.