ކުރިއަށް އޮތް ދައުރަށް އިންތިޚާބުވެވަޑައިގެންފިނަމަ މަސްވެރިންނަށް ލުއި ގޮތްތަކެއް އިންތިޒާމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.

ހއ. ހޯރަފުށީ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން މިއަދު ވިދާޅުވީ ބޮޑު ކަންނެލި ގަނެވޭނެ އެންމެ ދަށް އަގެއް ކަނޑައަޅުއްވައިދެއްވާނެ ކަމަށާއި އެއަށް ވުރެ ދަށް އަގަކަށް އެ މަސް ނުވިއްކޭނެ ގޮތް ހައްދަވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި މިހާރު ނިންމާފައި މި އޮތީ ރީނދޫ އުރަހަ ކަންނެލި އޭގެ އެންމެ ދަށް ވެގެން ގަންނާނެ އަގެއް އަޅުގަނޑުމެން ކަނޑައަޅާނަން، އެއަށް ވުރެ ދަށް އަގެއްގައި ރީނދޫ އުރަހަ ކަންނެލި ވިއްކާކަށް ހުއްދައެއް ނޯންނާނެ، މަސްވެރިންނަށް ކަށަވަރުކޮށްދޭ ކަމެއް މިއީ،"

އެމްޑީޕީގެ މެނިފެސްޓޯގައި މަސްވެރިންނާ ގުޅޭގޮތުން ބުނެފައިވާ ކޮންމެ މަސްވެރިއަކަށް 35 ޑޮލަރު ދޭނެ ކަމުގެ ވައުދަށް އިޝާރާތް ކުރައްވާ ރައީސް ވަނީ އެ ފައިސާ ހޯދާނީ ކިހިނެއްތޯ ސުވާލު ކުރައްވައިފައެވެ.

ރައީސް ވިދާޅުވީ މަސްވެރިންނަކީ ރާއްޖޭގެ ލޭނާރު ކަމަށާއި އެމީހުންނަށް ޚާއްސަ ކަންތައްތަކެއް ހުންނަން ޖެހޭ ކަމަށެވެ. އެގޮތުން އާންމު ޚިދުމަތްތަކަށް އެދި މަސްވެރިން ދާއިރު، ލުއިފަސޭހަ ކޮށްދިނުމަށް "ފިޝަމަންސް ކާޑެއް" ތައާރަފު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.