17 Jul 2018, 15:32
ކޮންމެ ގައުމެއްގައިވެސް ޑިމޮކްރަސީއަކީ ގައުމުގެ މަސްލަހަތަށް ބަލާފައި ކަނޑައަޅާ ނިޒާމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
ހއ. ހޯރަފުށީ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ގެނައީ ޑިމޮކްރަސީގެ ރީތި އުސޫލުތަކާއެކު ކަމަށާއި ރާއްޖޭގައި އޮންނަން ޖެހޭނީ އިސްލާމީ ވެއްޓާ ގުޅޭ ޑިމޮކްރަސީއެއް ކަމަށެވެ.
"ޑިމޮކްރަސީއަކީ އަޅުގަނޑުމެން ގެންގުޅޭ ފޭރާމުގެ ނިޒާމުކަމަށް ވަންޏާ، އަޅުގަނޑާ މުހައްމަދާ އެއް ސައިޒުގެ ކޯޓެއް ނުލާނަން. އަޅުގަނޑު ކޯޓު ފަހާނީ އަޅުގަނޑުގެ މިނަށް. މުހައްމަދަކަށް އަޅުގަނޑުގެ ކޯޓެއް ނުލެވޭނެ،" ކޮންމެ ގައުމެއްގެ ޑިމޮކްރަސީއަކީ އެގައުމެއްގެ ހާލަތާ މަސްލަހަތު ނިޔާކުރާ ގޮތަކަށް އިންތަކެއްގެ ތެރޭގައި ކަނޑައަޅާ ނިޒާމެއްކަން ފާހަގަކުރައްވާ ރައީސް މިސާލު ޖެއްސެވިއެވެ.
"އެ ނިޒާމުގެ ތެރޭގައި އަޅުގަނޑުމެން ހުއްދަ ނުދޭ ކަންތައް ހުންނާނެ. އަޅުގަނޑުމެން ހުއްދަ ނުދޭ ކަންތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި އިސްލާމީ އުސޫލުތަކާ ޚިލާފުވާ، ތައާރުޒުވާ ކަންކަން. އޭގެ ބަހާގެ ތެރޭގައި ޑިމޮކްރަސީގެ ނަމުގައި ތަންފީޒު ކުރަން އުޅޭތީ އެއަށް ހުއްދަ ނުދެވެނީ،" މިފަދަ ކަންތަކުގެ ތެރޭގައި މުޅި ރައްޔިތުންގެ ހައްގު ގެއްލޭފަދަ ކަންތައް ހިމެނޭ ކަމަށާއި އެފަދަ ކަންތަކަކީ ޑިމޮކްރަސީ ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ ތެރޭގައި މަސްލަހަތު ނަގާލައި، ރައްޔިތުންގެ ތެރޭގައި އެމީހަކީ ނުރައްކާތެރި މީހެއްކަމަށް ދައްކަން މަސައްކަތް ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށާޢ، އެންމެ ޑިމޮކްރެޓިކް ގައުމުތަކުގައިވެސް އެމީހުން ގަބޫލު ކުރާ ދީނާ ޚިލާފުވާ ކަންތައް ރައްޔިތުންގެ މެދުގައި ފަތުރާ މީހުންނަށް އަދަބުދޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެއްވެސް މީހަކު ހުދޫދެއް ނެތި ނުހިނގާނެ. އެއީ ކޮންމެ މީހަކަށްވެސް ޑިމޮކްރަސީގެ ދަށުން ހައްގު ލިބޭ. އެ ހައްގުތަކަށް އިހުތިރާމު ކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އާންމުންނަށް ގެއްލުންވާވަރަށް، ގައުމީ ސަލާމަތަށް ނުރައްކާ ހުރި ވާހަކަތަކެއް އަޅުގަނޑުމެން ނުދައްކާނަން. އެއީ ރައްޔިތުންގެ ހައްގުގައި އެއްވެސް ފަރުދަކަށް އޮތް ހައްގެއް ނޫން [އެ ހައްގަށް އަރައިގަތުމަކީ]،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ބޭރުން ސިފައިން ގެންނަ ވާހަކަ ނުދައްކާނެ ކަމަށާއި އެފަދަ ވާހަކައެއް ދެއްކުމުން އެކަން ކުށްވެރި ކުރުމަކީވެސް ޑިމޮކްރަސީ އާ ޚިލާފުވުން ނޫން ކަމަށެވެ. ރައީސް ވިދާޅުވީ ޑިމޮކްރަސީއަށް ވުރެ ކުރިން އިސްކުރަން ޖެހޭނީ ގައުމީ މަސްލަހަތު ކަމަށެވެ.
"އަސާސެއް ނެތި މީހުންގެެ އަބުރު ކަތިލާފަދަ ވާހަކަތަކަށް އަޅުގަނޑުމެން ޖާގައެއް ނުދޭނަން. އެއީ އިސްލާމްދީން ހުއްދަ ކުރާ ކަމެއް ނޫން. އެކަމަކު ހަގީގަތަށް ބިނާކޮށް މުއައްސަސާތަކުން ކުރާ ކަންތަކުގަ، އެކަންކަމާ ގުޅޭގޮތުން ފާޑު ކިޔާ،"
ރާއްޖޭގައި ޑިމޮކްރަސީ އެބައޮތް ކަމަށާއި ޑިމޮކްރަސީ ފައްކާ ނުވަނީ ޑިމޮކްރަސީއަށް އަމަލުކުރުމުގައި ވިސްނާ ބޭފުޅުންގެ ވިސްނުން ގޯސްވުމުން ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އަސާސުގެ ބޭރުން ކަން ކުރަން އުޅޭނަމަ ގާނޫނު އެމީހަކާ އަރާ ހަމަކުރާނެ ކަމަށެވެ.