ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފައްދާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މީހުންގެ ސޮއި އެއްކުރުން ދަރުބާރުގޭގައި މާދަމާ ފަށާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ޕީޕީއެމްގެ ވަގުތީ އިދާރާގައި ނޫސްވެރިންނާ ބައްދަލުކުރައްވާ އެ ޕާޓީގެ ސްޕޯކްސްމަން އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ ޕީޕީއެމް ރަޖިސްޓްރީ ކުރަން ބޭނުންވާ ސޮއި ހޯދުމުގެ މަސައްކަތް ފަށާނީ މާދަމާ 10:00 ޖަހާއިރު ދަރުބާރުގެއިން ކަމަށެވެ. އަދި ވިދާޅުވީ 3000 މީހުންގެ ސޮއި ހޯދުން ލަސްވީ "ސަރުކާރުން އެއްވެސް އިމާރާތެއް ނުދިނުމުން" ކަމަށެވެ.

"އެބޭފުޅުން ދަންނަވާނެ މެއެއް ނުކަރައޭ. އެކަމަކު ސަރުކާރުގެ ސުކޫލެއް ހޯލެއް ފަދަ އިމާރާތެއް ދެއްވުމަށް ފަސްޖެހެނީ،" މަހުލޫފް ވިދާޅުވި އެވެ.

ޕީޕީއެމް އިން އެހެން ބުނި ނަމަވެސް މާލޭގެ މޭޔަރު މައިޒާމް އަލިމަނިކު ވިދާޅުވީ ޕީޕީއެމް އިން ބޭނުންވާ ތަނަކާއި ގަޑިއެއް އެންގުމަށް އަންގާފައިވާނެ ކަމަށައި ޕީޕީއެމް އިން އެދޭ ތަނެއް ހުސްކޮށް އޮތްނަމަ ދޭނެ ކަމަށް ވެސް އަންގާފައިވާނެ ކަމަށެވެ.

މާދަމާ ހެނދުނު ސޮއި އެއްކުރަން ފަށާއިރު ޕީޕީއެމްއިން ވަނީ އަތޮޅުތަކުން އެ ޕާޓީއަށް ސޮއި ކުރާ ފަރާތްތަކުގެ ފޯމްތައް ކޯޑިނޭޓުކުރުމަށް ކުރީގެ ޒެޑް ފެކްޝަންގެ މައިޖަގަހަ "އަހަރެންވެސް ޕީޕީއެމް" ޖަގަހައަށް ބަދަލުކޮށްފަ އެވެ.

މަހުލޫފް ވިދާޅުވީ ޕީޕީއެމްއަށް ލޯގޯއެއް ހުށަހެޅުމުގެ ފުރުސަތު މާދަމާއިން ފެށިގެން ހޯމަދުވަހުގެ 12 ޖެހުމާ ހަމައަށް ހުޅުވާލާނެ ކަމަށެވެ. އެ ލޯގޯގައި ރަތް، ކަޅު، ފިޔާތޮށި އަދި ހުދުކުލަ ހިމެނުމަށް އިސްކަންދެއްވުމަށް ވެސް މަހުލޫފް އެދިވަޑައިގަތެވެ.

"300 މެންބަރުންނާ އެއްކޮށް ބާއްވާ ޖަލްސާއިން އަޅުގަނޑުމެން އެ ލޯގޯތަކުގެ ހިޔާލާވެސް އެކު ލޯގޯއެއް ފާސްކުރާނީ،" މަހުލޫފް ވިދާޅުވި އެވެ.