ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ހަމަޖައްސާފައިވާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ފުރަތަމަ ކެމްޕޭން މަންޒިލަކަށް އޭނާ އުފަން ގއ. އަތޮޅަށް ވަޑައިގަތުމަށް ނިންމައިފި އެވެ.

ގއ. މާމެންދުއަށް އުފަން ޝަހީމް އެ އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ކުރިއަށް އޮތް ހަފްތާ ތެރޭގައެވެ. އެކަން އޭނާގެ އޮފިޝަލް ފޭސްބުކު ޕޭޖުން ވަނީ އާންމުކޮށްފައެވެ. އަދި އެންމެން ގުޅިގެން ކާމިޔާބު ހޯދޭނެ ކަމަށް ވެސް ލިޔުއްވާފައިވެ އެވެ.

ޝަހީމްގެ އެ ދަތުރުފުޅުގައި ގއ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް އެމަނިކުފާނުގެ އަރިސް ބޭފުޅަކު ވިދާޅުވިއެވެ.

ޝަހީމް އަންނަނީ މާލޭގައި ކެމްޕެއިން ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ވަނީ ދޮރުން ދޮރަށް ކެމްޕެއިން އިވެންޓެއް ފައްޓަވައިދެއްވާފަ އެވެ. އަދި ގިނަ ޒުވާނުންތަކަކާއި ބައްދަލުކޮށް ބައެއް ފޯރަމްތައް ވެސް މިހާރު ވަނީ ބާއްވައިފަ އެވެ.

މާލޭގައި ދިރިއުޅޭ ހުވަދު އަތޮޅުގެ ރައްޔިތުންނާ މާދަމާ ރޭ ޝަހީމް ބައްދަލުކުރުމަށް ވަނީ ނިންމައިފަ އެވެ. އެ ބައްދަލުވުން އޮންނާނީ މާދަމާ ރޭ 8:30 ގައި ރުމާލް 2 ޖަގަހާގައި ކަމަށް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ބުނެއެވެ.