17 Jul 2018, 14:28
މިދިޔަ ހުކުރު ދުވަހު އދ. އަތޮޅުގައި އޮންނަ ވިލަމަންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ ކައިރިން ފާނައިގެ މަސްވެރިކަން ކުރަން އުޅެނިކޮށް ކަނޑަށް ވެއްޓި ގެއްލުނު މީހާ އަދިވެސް ނުފެންނާތީ، އޭނާ ހޯދުމަށް ވައިގެ މަގުން ވެސް ބަލަންފަށައިފި އެވެ.
އެމްއެންޑީއެފްގެ މީޑީއާ އޮފިސަރު ވިދާޅުވީ އެ ހާދިސާގައި ގެއްލުނު މީހާ ހޯދުމަށް މިއަދު ހެނދުނު 11:30 އިން ފެށިގެން ޓީއެމްއޭ ފްލައިޓް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
އަދި އޭގެ އިތުރުން އެމްްއެންޑީއެފްގެ ސީޖީ ޑައިވް ޓީމުން އެ ސަރަހައްދުގައި ޑައިވް ކޮށްގެން ބެލުމުގެ އިތުރުން ކޯސްޓްގާޑްގެ ފާސްޓާ އިންޓަސެޕްޓާ ކްރާފްޓް ލޯންޗު ވެސް ހަރަކާތްތެރިވަމުން ގެންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ގެއްލުނު މީހާ ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންގެންދާ ކަމަށާއި އަދި އޭނާ ހޯދުމަށް ޑައިވިން ރޮބޮޓް ބޭނުންކުރަމުންގެންދާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި ފިރެހަނަކު ކަނޑަށް ވެއްޓުނީ ޓާގެޓް ނަަމަކަށް ކިޔާ ފަންސާސް ފޫޓުގެ ދޯންޏަކުން ކަމަށެވެ.
އެ ހާދިސާގައި ކަނޑަށް ވެއްޓުނީ ފ. ބިލެއްދޫ އުތުރުގޭ އުމުރުން 56 އަހަރުގެ އަހުމަދު ނަސީރެވެ. އެ ހާދިސާ ހިނގިއިރު އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި މުށިކުލައިގެ ފަޓުލޫނެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.