17 Jul 2018, 14:08
ގާހިރާ (ޖުލައި 17): މިސްރުގެ ކުރީގެ ރައީސް މުހައްމަދު މޫރުސީގެ ވެރިކަން ވައްޓާލި ފަހުން އެގައުމުގައި ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވި ސިފައިންނަށް ދައުވާ ކުރުން ހުއްޓުވޭނެ ގާނޫނެއް ފާސްކޮށްފި އެވެ.
އިއްޔެ މިސްރުގެ ގާނޫނު ހަދާ މަޖިލީހުން ފާސް ކުރި ބިލުގައި ވަނީ ތިނެއް ޖުލައި 2013 އިން އަށެއް ޖުލައި 2014 އަށް ހިނގައި ދިޔަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ އޮފިސަރުން ތަހުގީގު ކުރުން ހުއްޓުވުމުގެ ހައްގު ރައީސް އަބްދުލް ފައްތާހު އަލް ސީސީއަށް ދީފަ އެވެ. އެއީ މޫރުސީގެ ވެރިކަން ވައްޓާލި ދުވަހުން ފެށިގެން ސީސީ ވެރިކަމަށް ވަޑައިގެންނެވި ދުވަހާ ހަމައަށެވެ.
މޫރުސީގެ ވެރިކަން ވައްޓާލި ފަހުން އޭނާއަށް ތާއިދު ކުރާ ފަރާތްތަކުން ކުރިއަށް ގެން ދިޔަ މުޒާހަރާތަކުގައި 1000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އަދި 16،000 މީހުން ހައްޔަރުކޮށް، ގިނަ އަދަދެއްގެ މީހުން މަރަން ހުކުމްކޮށްފައިވެ އެވެ.
މިސްރުގެ ސަރުކާރުގެ ކޮމިޓީއަކުން ވަނީ މީގެ ކުރިން އެ މައްސަލަތައް ބަލާފައިވެ އެވެ. ނަމަވެސް އެމައްސަލާގައި ސަރުކާރުގެ އޮފިޝަލެއްގެ މައްޗަށް ނުވަތަ ސިފައިންގެ މީހެއްގެ މައްޗަށް ދައުވާ ކުރަން ބުނެފައި ނުވެ އެވެ. (ބީބީސީ)