ށ. ފޭދޫގައި 15 އަހަރުގެ ކުއްޖަކު ވިހެއި ތުއްތު ދަރިފުޅު މާރާލިކަމަށް ދައުލަތުން އުފުލާފައިވާ ދައުވާއަށް އެ ކުއްޖާގެ މާމަ އާއި ދޮން ކާފަ އިންކާރުކޮށްފި އެވެ.

ދުވަސްނުފުރާ ވިހާފައިވާ ކުޑަ ކުއްޖަކު ށ. ފޭދޫ ގިފިއްޔެއްގެ ތެރޭގައި ވަޅުލި މައްސަލަ ފެންމަތިވެފައި ވަނީ 2012 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އަދި އޭރު ފުލުހުން ވަނީ 15 އަހަރުގެ އެ އަންހެން ކުއްޖާ އާއި އޭނާގެ މަންމަ އަޒީޒާ އިބްރާހިމް އާއި ދޮންބައްޕަ އަބްދުލްޣަފޫރު ޤާސިމް ހައްޔަރުކޮށްފަ އެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ މަންމަ އާއި ދޮންބައްޕަގެ މައްޗަށެވެ. ފަނަރަ އަހަރުގެ އަންހެން ކުއްޖާ ވަނީ ދޫކޮށްލައިފަ އެވެ. އަދި ފަހުން އަޒީޒާ އިބްރާހިމް ވެސް ވަނީ ފުލުހުންގެ ހައްޔަރުން ދޫކޮށްލައިފަ އެވެ. ނަމަވެސް އަބްދުލްޣަފޫރު ގާސިމް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ގަސްތުގައި ކުއްޖަކު މަރާލުމުގެ ދައުވާގެ އިތުރަށް އެހެން ދައުވާތަކެއް ވެސް ދައުލަތުން ވަނީ އެ ދެ މީހުންގެ މައްޗަށް އުފުލައިފަ އެވެ. އެގޮތުން އެ ކުއްޖާގެ ދޮންބައްޕަގެ މައްޗަށް ވަނީ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އާއި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލައިފަ އެވެ. އަދި އަމިއްލަ ދަރިފުޅާ މެދު ފިރިމީހާ ޖިންސީ ގުޅުން ހިންގިކަން އެނގި ހުރެ އެކަން ސިއްރު ކުރުމުގެ ކުށުގެ ދައުވާ އަންހެން ކުއްޖާގެ މަންމަގެ މައްޗަށް ވަނީ މީގެ ކުރިން އުފުލައިފަ އެވެ.

މިއަދުގެ އަޑުއެހުމުގައި އަޒީޒާ އާއި އަބްދުލްޣަފޫރާއި ގާނޫނީ ވަކީލާ ވަނީ އެ ދެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިންކާރު ކުރާ ކަމަށް ބުނެފަ އެވެ. އަދި ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅަން ބޭނުން ނުވާކަމަށާއި ޝަރީއަތުގެ ކުރިން ވެސް އެއްވެސް ހުށަހެޅުމެއް ނެތް ކަމަށް ވަކީލާ ވިދާޅުވި އެވެ.

ދައުލަތުން އެ ދެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތު ކުރުމަށް ވަނީ 11 މީހެއް ހެކިންގެ ގޮތުގައި ހުށަހަޅައިފަ އެވެ. އަދި ވިހެއި ދަރުފުޅު ވަޅުލަން އެ ދެމަފިރިން މަސައްކަތް ކުރިކަން ސާބިތު ކުރުމަށް ވަނީ ހަތް ފުލުހެއް ހެކިންގެ ގޮތުގައި ހުށަހަޅައިފަ އެވެ.

ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ހުރި ކަންކަން ހުށަހެޅުމަށް ދައުލަތަށް ފަސް ދުވަސް ދިނުމަށް ފަހު މިއަދުގެ އަޑުއެހުން ގާޒީ ވަނީ ނިންމާލައިފަ އެވެ.