17 Jul 2018, 14:01
ހއ. ހޯރަފުއްޓަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމަށް އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުގެ ނިމުން ފާހަގަކޮށްފި އެވެ.
ސަރުކާރުގެ ބަޖެޓުން 20,961,265.09 ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ހޯރަފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފައި ވަނީ 2015 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހު އެވެ. އެ މަސައްކަތް ނިންމާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 17 ގަ އެވެ.
މި މަޝްރޫޢުގެ ދަށުން، ހޯރަފުށީގެ ގިރާ ސަރަޙައްދަށް 14760 ކޮޑިމީޓަރަށް ވެލިއަޅައި ރަށުގެ އިރު އުތުރު ފަރާތުން 570 މީޓަރު، ހުޅަނގު ދެކުނު ފަރާތުން 230 މީޓަރުގެ ސަރަޙައްދެއް އަދި ޕަމްޕް ސްޓޭޝަން ތިނެއް ކައިރިން 80 މީޓަރުގެ ގޮނޑުދޮށް ބޮޑު ހިލަ ޖަހައިގެން ވަނީ ހިމާޔަތްކޮށްފަ އެވެ.
ހޯރަފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންކޮށްފައިވާ ނިޒާމަކީ ރާއްޖޭގެ ޙާލަތަށް ބަލައި، ދިރާސާކޮށް، އެންމެ އެކަށޭނޭ ނިޒާމުކަމަށް އެންވަޔަރަމެންޓް މިނިސްޓްރީ އިން ބުނެ އެވެ.
އެ މަޝްރޫޢުގެ ސަބަބުން މުސްތަޤުބަލުގައި ހޯރަފުށީގެ ތަރައްޤީއަށް ފައިދާ ކުރާނެ ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ރަށާއި ރަށުގެ ރައްޔިތުންނަށް ރައްކާތެރިކަމެއް ލިބޭނެ ކަމަށް ވެސް އެންވަޔަރަމެންޓް މިނިސްޓްރީ އިން ބުނެ އެވެ.
އެ މިނިސްޓްރީ އިން ބުނީ ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަކީ އޭގެ ސަބަބުން އެރަށްތަކުގައި ދިރިއުޅޭ އާބާދީ އާއި އާއްމު ފަރުދުންގެ މުދަލާއި ގޯތި ގެދޮރުގެ ރައްކާތެރިކަމަށް އަސަރުކުރާ ކަމެއް ކަމަށާއި މއިީ ދެމެހެއްޓެނެވި ތަރައްގީއަށް ރާއްޖެ ކުރަމުން ގެންދާ މަސައްކަތަށް ކުރިމަތިވެފަވާ ގޮންޖެހުމެއް ކަމަށެވެ.