މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ވޭން ރޫނީ އާއި ބްރެޒިލްގެ ކުރީގެ ތަރި ޕެލޭގެ ހަމައެކަނި ތަފާތަކީ ކުލައިގެ ތަފާތު ކަމަށް އެކުލަބުގެ ކޯޗު ސާ އެލެކްސް ފާގަސަން މިއަދު ބުނެފިއެވެ.

މިރޭގެ މެޗުގައި މެންޔުނައިޓެޑް ބެންފިކާ އާއި ދެކޮޅަށް ނުކުންނައިރު ރޫނީގެ އެންމެ ރަނގަޅު ކުޅުން ދެއްކޭނެ ކަމުގެ ޔަގީންކަން ވެސް ކޯޗް ފާގަސަން ދެއްވި އެވެ.

ރޫނީ އާއި ޕެލޭ ގެ ތަފާތުތަކަށް ފާގަސަން ބެލުމުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑުގެ ބައެއް ސަޕޯޓަރުން ވެސް ރޫނީ އަކީ 'ދޮން ޕެލޭ' ކަން ފާހަގަކޮށްފައި ވެއެވެ.

މިސީޒަނުގެ ޕްރެމިއާ ލީގުގައި އަށް ގޯލު ކާމިޔާބުކޮށް އޭނާއަކީ ގޯލާއި ރައްޓެހި ކުޅުންތެރިއެއްކަން ވަނީ ސާބިތު ކޮށްދީފައެވެ. އެހެންކަމުން މިކުޅުން ބެންފީކާއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި ވެސް ރޫނީ ދައްކާނެ ކަމަށް ފާގަސަން ގަބޫލުކުރެއެވެ.

"ބަލާލާ ޕެލޭއަށް. އޭނާއަކީ ވަރުގަދަ އެޓޭކުތައް ކުރާ ކުޅުންތެރިއެއް. ރޫނީވެސް ހަމަ އެގޮތް. ދެ ކުޅުންތެރިންގެ އެއްގޮތް ކަންތައްތަކަކީ ވަރުގަދަ ކަމާއި، ހަލުވިކަން އަދި އަމިއްލަ ހުނަރު ބޭނުންކުރުން. ހަމައެކަނި ތަފާތަކީ ރޫނީއަކީ މުޅިން ދޮން ކުޅުންތެރިއެއް." މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ފާގަސަން ބުންޏެވެ.

ޗެމްޕިއަންސް ލީގު ގްރޫޕު ސީގައި މެންޗެސްޓާ ޔުނައިޓެޑާގެ އޯލްޑް ޓްރެފޯޑްގައި އެކުލަބާއި ދެކޮޅަށް ބެންފީކާ ނުކުންނައިރު، އެޓީމުން އެންމެ އިސްކަމެއް ދޭނީ ފާގަސަން ފާހަގަކޮށްފައިވާ 'ދޮން ޕެލޭ' ހިފެހެއްޓުމަށް ކަމަށް އެކުލަބުގެ ކޯޗު ޖޯޖް ހެސޫސް ބުނެފައިވެއެވެ.

"ރޫނީ އަކީ ހުރިހާ ހުނަރެއް ލިބިފައިވާ ކުޅުންތެރިއެއް. އޭނާ ހިއެއް ނުވޭ އިނގިރޭސި ކުޅުންތެރިއެއް ހެން. ރޫނީ ބޮޑަށް ވައްތަރީ ބްރެޒިލް ނޫނީ އާޖެންޓީނާ ކުޅުންތެރިއަކާ. އޭނާ އަކީ ބޭނުން ކޮންމެ ވަގުތެއްގައި ނަތީޖާ އަނބުރާލަފާނެ ކުޅުންތެރިއެއް." ބެންފީކާ ކޯޗު ހުސޭސް ބުންޏެވެ.

ރޫނީ އާއެކު މިރޭގެ މެޗުގައި ފޯވާޑް ލައިނުން ފެނުން އެންމެ ގާތީ މެކްސިކޯ ފޯވާޑް ހާވިއާ ހެނާންޑޭޒް އެވެ. މިދެކުޅުންތެރިންގެ ފަރާތުން އެންމެ ފަހުން މެންޗެސްޓާ ޔުނައިޓެޑް ކުޅުން މެޗުގައި ވެސް މޮޅު ކުޅުމެއް ފެނިފައިވެއެވެ. އެކުލަބު ބޮލްޓަން އާ ދެކޮޅަށް ކުޅުނު މެޗުގައި ރޫނީ ހެޓްރިކެއް ހަދާ ހެނާންޑޭޒް ވަނީ ދެލަނޑު ކާމިޔާބުކޮށްދީ ފައެވެ. މިމެޗު ނިމިގެންދިޔައީ މިދެކުޅުންތެރިންގެ ލަނޑުތަކުންނެވެ.