ކުރިއަށް އޮތް ފަސްއަހަރުގެ ކުރީކޮޅު ހއ. އަދި ހދ. އަތޮޅުގައި ފަތުރުވެރިކަމަށް ޚާއްސަކޮށްގެން 3000 އެނދު ތަރައްގީ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

ހދ. ނޮޅިވަރަންފަރުގައި ގާއިމްކުރި ނަރުދަމާ އިފްތިތާހު ކުރުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ސަރަހައްދުގެ ބޮޑެތި ރަށްރަށުގައި ގެސްޓުހައުސްް ވިޔަފާރި ކުރިއަށް ގެންދިއުމަށް ބޭނުންވާނެ ހުރިހާ އިންސްފްރާސްޓްރަކްޗާ އެއްވެސް ގާއިމު ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ބަނދަރާއި ފެނާއި ނަރުދަމާގެ ނިޒާމު ރަށްރަށުގައި ފުރިހަމަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރިސޯޓުތަކެއް ހުޅުވިގެންދާނެ. އަދި އަޅުގަނޑުމެންގެ ވިސްނުން މި ހުރީ މި ސަރަހައްދުގެ ބޮޑެތި ރަށްރަށުގައި ގެސްޓުުހައުސް އަށް ބޭނުންވާ ހުރިހާ އިންފްރާސްޓްރަކްޗާއެއް ފުރިހަމަކޮށްދިނުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަނިމަދޫ އެއާޕޯޓާ ކުޅުދުއްފުށީ އެއާޕޯޓާއެކު ޓޫރިޒަމްގެ ގިނަ ކަންތައްތަކެއް އެ ސަރަހައްދުގައި ކުރިއަށްދާނެ ކަމަށެވެ.

ނޮޅިވަރަމަކީ ބިން ބޮޑު ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ސަރަހައްދުގައި ޓޫރިޒަމް ފުޅާވުމަކީ ނޮޅިވަރަން ފަދަ ދަނޑުވެރި ރަށަކަށް ލިބޭނެެ މުހިއްމު ފުރުސަތެއް ކަމަށެވެ. އެގޮތުން އެ ރަށުގައި ހައްދާ ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކޭނެ ފަސޭހަ ގޮތްތަކެއް ފަހިވެ، ދަނޑުވެރިންގެ އުފެއްދުންތައް ރިސޯޓުތަކަށް ވިއްކުމުގެ ފުރުސަތު ފަހިވެގެންދާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ނޮޅިވަރަމު ޒުވާނުންނަށް ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ގާއިމު ކުރުމަށް ނިންމާފައިވާ ޒަމާނީ ފުޓުބޯޅަ ދަނޑުތަކުގެ ތެރެއިން ދަނޑެއް އެރަށުގައިވެސް ގާއިމް ކޮށްދެއްވާނެ ކަމަށެވެ. އެ ރަށުގެ ތަރައްގީއަށް ސަރުކާރުން 115 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.