17 Jul 2018, 12:46
ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ލޯނުދޭ މުއައްސަސާތަކުން ސަރުކާރަށް ލޯނު ދެނީ އެ ލޯނު ދެއްކުމުގެ ގާބިލުކަން ހުރިތޯ ޔަގީން ކުރުމަށްފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
ހދ. ނޮޅިވަރަންފަރު ނަރުދަމާ މަޝްރޫއު އިފްތިތާހުކުރުމަށް އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ލޯނު ނަގައިގެން ކަންތައް ކުރާއިރު ސަރުކާރުން އެކަން ކުރަނީ ކިހާވަރެއްގެ ބުރައެއް އުފުލައިގެންތޯ ބަލަން، އެކަންކަމަށް ބޭނުންވެފައިތި ރައްޔިތުން ނުބަލާނެ ކަމަށެވެ.
"ސަރުކާރުން ވެރިކަމާ ހަވާލުވަނީ ބުރަ އުފުލައިގެން ރައްޔިތުން ބޭނުންވާ ކަންތައް ކޮށްދޭން، އެހެންވީމާ ބުރަ އުފުލައިގެން އެކަން ކޮށްދޭން ބޭނުންވާރީ ރައްޔިތުންގެ ކުރިމައްޗަށް [2013 ގައި] އައީ. އަދި މިހާރުވެސް ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ މިހުރީ ހަމަ ބުރުއުފުލައިގެން ކަންތައް ކުރަން ބޭނުންވާތީ،" ރައީސް ވިދާޅުވިއެވެ.
ދަރަނީގެ ވާހަކަ އެހެން ބަޔަކަށް ނުދެއްކޭނެ ކަމަށާއި ކުރީގެ ސަރުކާރުގެ ދަރަނިތައްވެސް ދައްކާފައިވާނީ މި ސަރުކާރުން ކަން ރައީސް ފާހަގަ ކުރެއްވިއެވެ. ބައިނަލް އަގުވާމީ އެއާޕޯޓު ދިވެހިންނަށް ހޯދައިދިނުމަށް ވެސް ލޯނު ނެގި ކަމަށާޢި ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ގެނައުމަށްވެސް ލޯނު ނަގަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާރު ދަރަނި ނަގައިގެން މި ކުރާ ކަންތައްތަކަކީވެސް ދަރަނި ދޫކުރާ ފަރާތުން ސަރުކާރަށް މި ދަރަނި ދެއްކޭނެކަން ގަބޫލު ކުރާތީ ދޫކުރާ ދަރަނި،" ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން ވެރިކަމަށް އައި އިިރު ސަރުކާރުގެ ބޮލުގައި އެޅިފައިވާ ދަރަންޏަކީ ނަރުދަމާއަށް އެކަނި ބެލި ނަމަވެސް 380 ނަރުދަމާ އެޅުމަށް ބޭނުންކުރެވޭނެ ފައިސާ ކަމަށާއި، [އިދިކޮޅުން] ދަރަނީގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންމީހުން ދައްކަންވީ ރާއްޖެ އިސްލާހު ކުރާ ވާހަކަ. ރާއްޖެ ތަރައްގީކުރާ ވާހަކަ ރައީސް ޔާމީނަށް ދޫކޮށްލައްވާ. ރާއްޖެ އިސްލާހު ކުރާ ވާހަކައިގަ ދައްކަންވީ ކޮންބައެއްތޯ ކުށްކުރަނީ، ކުށް ކުރުމަށް ހިތްވަރު ދެނީ. ކީއްވެތޯ ޒުވާނުން ޖަލަށް ވަންނަނީ. މުއައްސަސާ ތަކުގައި ތިބި މީހުންނަށް ރައްޔިތުން އިތުބާރު ނުކުރަނީ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ކުށްވެރިންގެ ހައްގުތަކުގެ ވާހަކަ ދައްކާއިރު، މައުސޫމު މީހުންގެ ހައްގުތަކުގެ ވާހަކަ ދެއްކުން މާ މުހިއްމު ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ތަސައްވަރަކާއެކު ކަމަށާއި އޭގެ ތެރެއިން ގިނަ ކަންތައް ސަރުކާރުގެ މިވީހާތަނަށް ފުރިހަމަކޮށްދެވިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ތަރައްގީ އަންނާނީ ހަމަޖެހުމުގެ ތެރެއިން ކަމަށާއި، ހަމަޖެހުން ނަގާލައިގެން ގެންނަން އުުޅުނު ތަރައްގީވެސް ފެނިފައިވާ ކަމަށެވެ.
"މަސްލަހަތާއެކީ ކަންތައް ކުރާ ކަމަށްވަންޏާ ބޭރުގެ ފަރާތްތަކުންވެސް ރާއްޖެއަށް ވިޔަފާރި ކުރަން އަންނަން ބޭނުންވަނީ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ހަމަނުޖެހުން އޮންނަ ނަމަ ރާއްޖެއަށް އިންވެސްޓުކުރަން ބޭރުގެ ފަރާތްތައް ނާންނާނެ ކަމަށާއި ފަތުރުވެރިންވެސް ނާންނާނެ ކަމަށެވެ. އެތަންވެސް ދިވެހިންނަށް މިހާރު ފެނިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިދިކޮޅުން ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ނެރެފައިވާ ކެނޑިޑޭޓުންނަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ "މީހުން ބަދަލުވި ނަމަވެސް ފަލްސަފާއަށް ބަދަލު ނާންނަ" ކަމަށެވެ.