17 Jul 2018, 12:01
އިދިކޮޅު އިއްތިހާދުން ރިޔާސީ އިންތިހާބަށް ނެރެފައިވާ ރިޔާސީ ކެޑިޑޭޓ،ު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ރަނިންމޭޓު ފައިސަލް ނަސީމަކީ ހިންގުމުގެ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތް ބޭފުޅުންތަކެއް ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމެންޓް އެންޑް އެނާޖީ ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޠާރިޤު މިހެން ވިދާޅުވީ ހދ. ނޮޅިވަރަމުގެ ނަރުދަމާގެ ނިޒާމުގެ ހިދުމަތް ފެށުމުގެ ގޮތުން މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.
"އެބޭފުޅުން (އިދިކޮޅު އިއްތިހާދުން) ނެރެފައިވާ ރިޔާސީ ކެނޑިޑޭޓާއި ރަނިންމޭޓަކީ ވެސް ހިންގުމުގެ ދާއިރާއިން އެއްވެސް ކަހަލަ ތަޖުރިބާއެއް ލިބިފައި ހުންނެވި ބޭފުޅުންނެއްނޫން. އެއް ބޭފުޅަކީ ކޮންމެވެސް ވަރަކަށް ފަރުނީޗަރު ވިޔަފާރި ކުރައްވާ ބޭފުޅެއް. އަނެއް ބޭފުޅަކީ ރިސޯޓުތަކުގައި ބައެއް ކަލަހަ މަސައްކަތް ކުރައްވާ ބޭފުޅެއް،" ޠާރިޤު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ބޭފުޅުންނަށް ގައުމުގެ ހުންގާނު ދީފި ނަމަ ކުރިން ވެއްޓުނު ވަރަށް ވުރެ ބޮޑު އަނދަވަޅަކަށް ގައުމު ވެއްޓޭނެ ކަމަށެވެ.

ރައީސް ޔާމީން ހދ. ނޮޅިވަރަމަށް ވަޑައިގަތުން،-- ފޮޓޯ: ރައީސް އޮފީސް
މީގެ އިތުރުން އިދިކޮޅުގެ ކެނޑިޑޭޓު އިންތިހާބުން ކާމިޔާބު ހޯދި ނަމަވެސް ވެރިކަން ކުރައްވާނީ އެ ބޭފުޅާ ނޫން ކަމަށް ޠާރިޤު ވިދާޅުވިއެވެ. ޠާރިޤު ވިދާޅުވީ ހަގީގަތުގައި ވެރިކަން ކުރައްވާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށާއި އިބޫ އާއި ފައިސަލް ވެގެންދާނީ "ޕަޕެޓުންނަށް" ކަމަށެވެ.
"އެއި އަސްލު ބޭނުމަކީ ވެސް. އެއްވެސް ކަހަލަ ވެރިކަން ކުރުމުގެ ވައްޓަފާޅި ނެތް ބަޔަކަށް ދީގެން ހައްތަހާވެސް ގޯސް ހެދުން."
އިދިކޮޅުން ކެމްޕެއިނަށް ނޮޅިވަރަމަށް އަންނާނެ ކަމަށާއި، އެހެން ނަމަވެސް އެ ބޭފުޅުންނަށް ނުބެލުމަށް ޠާރިޤު އެރަށުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންވިއެވެ. އަދި އިދިކޮޅުން އެ ރަށަށް އައުމުން އެމްޑީޕީގެ ތިން އަހަރުގެ ސަރުކާރުގައި އެރަށަށް ކޮށްދިނީ ކޮން ކަންތައްތަކެއްތޯ އެހުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޠާރިޤު ވަނީ ކުރީގެ ރައީސް ނަޝީދަށް ވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން ނަޝީދުގެ ފިކުރަކީ ޖެއްސުން ކުރާ ފިކުރެއް ކަމަށާއި، އެއީ ގައުމަށް އެހެން ދީންތައް އާލާ ކުރަން ބޭނުންވާ ފިކުރެއް ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން، ނަޝީދުގެ ސަރުކާރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޖީއެމްއާރަށް ވިއްކާލީ އެންމެ 80 މިލިއަން ޑޮލަރަށް ކަމަށާއި އެ 80 މިލިއަން ޑޮލަރަށް ވީގޮތެއް ނޭނގޭ ކަމަށް ވިދާޅުވިއެވެ. އަދި އެއާޕޯޓު އަނބުރާ ހޯދަން ސަރުކާރުން ހަރަދު ކުރަން ނުޖެހުނު ނަމަ މިއަދު އެ ފައިސާއަށް ރާއްޖޭގައި ސަތޭކަ ނަރުދަމާގެ މަޝްރޫއު ކުރިއަށް ގެންދެވުނީސް ކަމަށް ވެސް ޠާރިޤު ވިދާޅުވިއެވެ.