ޔޫއެފާ ޗެމްޕިއަންސް ލީގަށް އަލަށް ކޮލިފައިވި އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީ އަށް އެއްވެސް ޕްރެޝަރެއް ނެތްކަމަށް އެކުލަބުގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފިއެވެ.

މަންޗިނީ މިހެން ބުނެފައިވަނީ މިރޭ 11:45 ގައި އިޓަލީގެ ނަޕޯލީއާ ދެކޮޅަށް ކުޅެން ނުކުތުމުގެ ކުރިން ދިން އިންޓަވިއުއެއްގަ އެވެ. މިރޭ ކުޅުމަށް ހަމަޖެހިފައިވާ ގްރޫޕް އޭ، ގްރޫޕް ބީ، ގްރޫޕް ސީ އަދި ގްރޫޕް ޑީގެ މެޗުތައް ކުރިއަށް ދާއިރު ގިނަ ރިޕޯޓުތަކުން ބުނަމުންދަނީ ގްރޫޕް އޭގެ މެޗުތަކަކީ މިރޭ ކުޅޭނެ އެންމެ ފޯރިގަދަ މެޗުތައް ކަމަށެވެ.

ގްރޫޕް އޭގެ އެއް މެޗުގައި މެންސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ނަޕޯލީއާއެކު ވާދަކުރާއިރު އަނެއް ކޮޅުން ވިލަރެއާލް ގެ އަލް މެޑްރިގަލް ގައި އެކުލަބު ވާދަކުރާނީ ބެޔާން މިއުނިކާއި ދެކޮޅަށެވެ.

"މިއީ މެންޗެސްޓާ ސިޓީއަށް ވަރަށް ހާއްސަ ދުވަހެއް. ނަޕޯލީ އަކީ މޮޅު ޓީމެއް. މެންސިޓީގައި ތިބީ ޗެމްޕިއަންސް ލީގުގެ ތަޖުރިބާ ލިބިފައިހުރި ކުޅުންތެރިން. އެހެން ނަމަވެސް އަހަރެމެންނަށް އެއްވެސް ޕްރެޝަރެއް ނެތް. އަހަރެމެންނަކީ މިހާރު އިނގިރޭސި ވިލާތުގެ އެންމެ މޮޅު ޓީމުތަކުގައި ހިމެނޭ ޓީމެއް." މެންސިޓީގެ ކޯޗު މަންޗިނީ ބުންޏެވެ.

މިދިޔަ ސީޒަނުގެ ޕްރެމިއާ ލީގުގެ ތިންވަނަ ޓީމެއްގެ ގޮތުގައި ޗެމްޕިއަންސް ލީގަށް ކޮލިފައިވި މެންޗެސްޓާ ސިޓީއެކޭ އެއްގޮތަށް ނަޕޯލީ އަކީ އިޓަލިއަން ލީގުގެ ތިންވަނަ ޓީމުގެ ގޮތުގައި ޗެމްޕިއަންސް ލީގަށް ކޮލިފައިވި ޓީމެވެ. ނަޕޯލީ ކުޅުންތެރިން ދައްކާ މޮޅު ކުޅުމުގެ ސަބަބުން ފަހުރުވެރިވާ ކަމަށް އެކުލަބުގެ ކޯޗު ވޯލްޓާ މަޒަރީ ބުންޏެވެ.
"ޓީމު ކުޅުންތެރިން އިޓާލީ ލީގުގައި ދައްކާ މޮޅު ކުޅުމަށް އަހަރެން ފަހުރުވެރިވަން. ކުޅުންތެރިން ދެއްކި މޮޅު ކުޅުމުގެ ސަބަބުން ޓީމު މިހާ ހިސާބަށް މިދަތުރުކުރީވެސް." ނަޕޯލީ ކޯޗު މަޒަރީ ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި މެންސިޓީއާ ދެކޮޅަށް ނުކުންނަ ނަޕޯލީ އަކީ އާޖެންޓީނާ ކުރީގެ ތަރި ޑިއެގޯ މެރަޑޯނާ އެކުލަބަށް ކުޅުމަށް ދުވަސްވަރު ނަން ވިދާލި ކުލަބެކެވެ. މިސީޒަނުގައި އެކުލަބު ބަލާނީ ޗެމްޕިއަންސް ލީގުގައި މޮޅު ކުޅުމެއް ދައްކާ ދެވެން އޮތް އެންމެ ދުރަކަށް ދަތުރު ކުރެވޭތޯއެވެ.

ޗެމްޕިއަންސް ލީގު ގްރޫޕް ބީގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ އިންޓަމިލާނާއި ދެކޮޅަށް ޓްރަބްޒޮންސްޕޯ ބައްދަލުކުރާ މެޗާއި ލިލޭއާއި ދެކޮޅަށް ސީއެސްކޭއޭ މޮސްކޯ ބައްދަލުކުރާ މެޗެވެ.
ގްރޫޕް ސީގައި އެއްކޮޅުން އިނގިރޭސި ޗެމްޕިއަނުންނާ ދެކޮޅަށް ޕޯޗުގަލްގެ ބެންފީކާ ނުކުންނައިރު އަނެއްކޮޅުން އެފްސީ ބާސެލް އާއި ދެކޮޅަށް ނުކުންނާނީ އޮޓެލަލް ގަލަޓީ އެވެ.
ގްރޫޕް ޑީ ގެ އެއްމެޗެއްގައި ޑައިނަމޯ ޒެގްރެބާއި ދެކޮޅަށް ރެއާލް މެޑްރިޑް ނުކުންނައިރު އަނެއް މެޗުގައި ބައްދަލުކުރާނީ އަޔެކްސް އެމްސްޓެޑެމް އާއި ލިޔޯން އެވެ.

މިހުރިހާ މެޗެއްވެސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 11:45 ގައެވެ.