17 Jul 2018, 10:52
މޭޑޭގެ މުޒާހަރާގައި ފުލުހަކަށް ހަމަލާ ދިނުމުގެ ކުށް ސާބިތުވުމާ ގުޅިގެން ޖަލަށްލުމާ ގުޅިގެން ކުޅުމާ ދުރުގައި ހުރި ގޯލްކީޕަރު އިބްރާހީމް ލަބާން ޝަރީފް ތިން އަހަރަށްފަހު އިއްޔެ ވަނީ އޭނާގެ ފުރަތަމަ މެޗު ކުޅެފައެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބު ގްރީން ސްޓްރީޓްސްއާއި ފ. ނިލަންދޫ ވާދަކުރި މެޗުން ގްރީން މޮޅުވީ 6-0ގެ ނަތީޖާއަކުންނެވެ.
އިއްޔެގެ މެޗުގެ ފުރަތަމަ ހާފް ލަބާނަށް ފަސޭހަކޮށް ދިޔަ ނަމަވެސް، ދެވަނަ ހާފްގައި ނިލަންދޫން ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހި ހަމަލާތައް އުފައްދައިފައެވެ. ހާއްސަކޮށް ލަބާންގެ ފަރާތުން މުހިއްމު ދެ ސޭވްއެއް ފެނިގެން ގޮސްފައިވެއެވެ.
ގްރީންގެ ކީޕަރު ލަބާން އިއްޔެގެ މެޗުގައި ކުޅެން ނުކުމެފައި ވަނީ ތިން އަހަރަށްފަހުގައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މީގެ ތިން އަހަރު ކުރިން ލަބާން ހައްޔަރުކޮށްގެން ފުލުހުން ގެންދިޔައީ އީގަލްސްގެ ފަރިތަކުރުންތަކުގައި އޭނާ ހުއްޓައެވެ. ލަބާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމާއެކު އޭރު ލަބާން ކުޅެމުންދިޔަ އީގަލްސްއިން ވަނީ އޭނާގެ ކޮންޓްރެކްޓް އުވާލައިފައެވެ.
އީގަލްސްއަށް ކުޅެމުންދިޔަ އިރުވެސް ލަބާންއަކީ ގިނަ ބައެއްގެ އުންމީދުތަކާ ގުޅިފައިވާ ކީޕަރެކެވެ. ރާއްޖޭގެ ގައުމީ ޓީމުގެ ގޯލް، 17 އަހަރު ވަންދެން ބެލެހެއްޓި ގޯލްކީޕަރު އިމްރާން މުހައްމަދު ކުޅުން ހުއްޓާލުމުން އޭނާގެ ޖާގަ ފުރާނެ ކީޕަރަކީވެސް ގިނަ ބަޔަކު ސިފަކުރި ގޮތުގައި ލަބާނެވެ.
ފުޓުބޯޅައިން ބޭރުގައި ހިނގި ކަމަކާ ގުޅިގެން އޭނާއަށް އެ އުންމީދުތައް ހާސިލް ނުވި ނަމަވެސް، މިއަދު އަނެއްކާވެސް އޭނާއަށް އެ ފުރުސަތު ވަނީ ފަހިވެފައެވެ.
"ވަރަށް ރަނގަޅަށް މިދިޔައީ. ހީވެސް ނުކުރާހާ ރަނގަޅަށް ކަންތައްތައް މިދަނީ. ހިއެއް ނުކުރަން މިހާ އަވަހަށް މެޗެއްވެސް ލިބޭނެ ކަމަކަށް. އެކަމަކުވެސް ނަސީބަކުން މި ލިބުނީ. ދެން ފުރިހަމަ ކުޅުމެއް ދައްކާނަން،" އިއްޔެގެ މެޗަށްފަހު ލަބާން ބުންޏެވެ.
ފުލުހުން ލަބާން ހައްޔަރުކޮށްގެން ގެންދަނީ ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ލަބާން ބުނީ އޭނާގެ ކެރިއަރު އަލުން ފެށުމަށް ގްރީނުން ދިނީ މުހިއްމު ފުރުސަތެއް ކަމަށާއި، ފުރުސަތުގެ ބޭނުން ކުރާނެ ކަމަށެވެ.
"އެއީ ފެށުމަށް ލިބުނު މަގަމީ. އެ ފުރުސަތުގެ ބޭނުން ހިފައިގެން ކުރިއަށްދާން ތައްޔާރަށް މިހުރީ،" ލަބާން ބުންޏެވެ.
ގްރީންގެ ގޯލް އާއްމުކޮށް ބަލަހައްޓަމުން އަންނަ ބިދޭސީ ގޯލް ކީޕަރު ސާގީ ސްމޮރޮދިން އާއިލީ ކަމެއްގައި މިވަގުތު އަމިއްލަ ގައުމުގައި ހުރި އިރު، ލަބާނަށް ލިބުނު ފުރުސަތާ ގުޅިގެން ޓީމުގެ ކޯޗު އަލީ ސުޒޭން ބުނީ ލަބާން ގްރީންއަށް ގެނައީވެސް އޭނާގެ ކެރިއަރު އަލުން ފެށުމަށް ކަމަށެވެ.
ގްރީންގެ ކީޕަރު ލަބާން އިއްޔެގެ މެޗުގައި ކުޅެން ނުކުމެފައި ވަނީ ތިން އަހަރަށްފަހުގައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ސުޒޭން ބުނީ ލަބާންގެ ފަރާތުން މޮޅު ކުޅުމެއް ފެނުމަކީ ހައިރާންވާނެ ކަމެއް ނޫން ކަމަށާއި، ލަބާންއަށް ދިވެހިން ކުރާ އުންމީދު ބޮޑީވެސް ލަބާން ގައިގައި ހުނަރު ހުރުމުން ކަމަށެވެ.
"މިދިޔަ ފަސް ވަރަކަށް އަހަރު ކުރިންވެސް ލަބާންގެ ވާހަކަ އައީ ދެކެވެމުން. އޭނަ މިއަދު ކުޅުނު ވަރަށް ކުޅުމަކީ އެހާ ހައިރާންވާ ކަމެއް ނޫން. އޭނާ އެ ސާބިތުކޮށްދިނީ ދިވެހިން އޭނާއާ ދޭތެރޭ އުންމީދުތަކެއް ކުރަނީ ކީއްވެގެން ކަން،" މެޗަށްފަހު ސުޒޭން ބުނެފައިވެއެވެ.
އިންޓަ ސްކޫލް މުބާރާތްތަކުން ވިދާލި ލަބާން ވަނީ ޒުވާން އުމުރުގައި ރާއްޖޭގެ ބޮޑެތި ކްލަބުތަކަށް ކުޅެފައެވެ. އޭގެ އިތުރުންވެސް ލަބާން ވަނީ ރާއްޖޭގެ ޒުވާން ގައުމީ ޓީމުވެސް ތަމްސީލުކޮށްދީފައެވެ.