17 Jul 2018, 10:51
ޒުވާން ބަތަލާ އާލިއާ ބަޓް އަދި ރަންބީރު ކަޕޫރުގެ ގުޅުމުގެ ވާހަކަ އަކީ މިހާރު އާ ވާހަކައެއް ނޫނެވެ. ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އުފެދުނީ، ފިލްމު "ބްރަހްމާޝްތުރަ"ގެ ޝޫޓިންގެ ތެރެއިންނެވެ.
ރަންބީރު ވަނީ ދެމީހުން ގުޅިގެން އުޅޭ ކަމަށް އެއްބަސްވެފައެވެ. އަދި ދެމީހުން ފެންނަނީ ވެސް ވަރަށް އުފަލުން އުޅޭތަނެވެ. ނަމަވެސް މި ގުޅުމުގެ ސަބަބުން އާލިއާގެ އެންމެ ގާތް އެކުވެރިޔާ އަދި ރަންބީރުގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފް ހުރީ އުފަލުން ނޫން ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.
މީގެ ކުރިން ޚަބަރުތައް ބުނެފައި ވަނީ އާލިއާ އާއި ރަންބީރުގެ ގުޅުމުގެ ވާހަކަ ކެޓްރީނާ އަށް ފޯރީ އެހެން މީހެއްގެ ފަރާތުން ކަމަށާއި، އާލިއާ އަމިއްލަ އަށް އެވާހަކަ ކެޓްރީނާ ގާތު ނުބުނީތީ ކެޓްރީނާ ހުރީ އާލިއާ ދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ކަމަށެވެ. ނަމަވެސް ކެޓްރީނާގެ 35 އުފަންދުވަހު އާލިއާ އިންސްޓަގްރާމް ކުރި ފޮޓޯ އާއެކު، އެ ރިޕޯޓުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް މިވަނީ ބުނެދީފައެވެ.
ކެޓްރީނާގެ އުފަންދުވަހު އާލިއާ އިންސްޓަގްރާމް ސްޓޯރީއަށް ލައިފައިވާ ފޮޓޯގައި ދެމީހުން ތިބީ "ބީއެފްއެފް" ޖަހައިފައިވާ ރޯބް ލައިގެންނެވެ. އެހެންކަމުން ދެމީހުންނަކީ އަދިވެސް އެންމެ ގާތް އެކުވެރިން ކަމަށާއި، ދެމީހުންގެ ދެމެދުގައި އެއްވެސް ކަހަލަ މައްސަލައެއް ނެތް ކަން ހާމަވެ އެވެ.
އާލިއާ އާއި ކެޓްރީނާ ގާތް އެކުވެރިންނަށް ބަދަލުވީ އެކުގައި ޖިމަށް ދާން ފެށި ހިސާބުންނެވެ.