17 Jul 2018, 09:23
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅެއްގައި މއިަދު ފުރާވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނެ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާނެ ކަމަށާއި ހއ. ދިއްދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައި ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާއި ދިއްދޫ މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރައްވައި ދިއްދޫގައި ހަދާފައިވާ ހައުސިންގ ޔުނިޓްތަށް ހުޅުއްވައިދެއްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ދަތުރުފުޅުގައި ރައީސް ހއ. ކެލައަށް ވަޑައިގެން ކެލާގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާނެ ކަމަށާއި ހއ. ބާރަށަށް ވަޑައިގެން އެރަށުގައި ހަދާފައިވާ މެރީނާ ސްޓައިލުގެ ޖެޓީ ރަސްމީކޮށް ހުޅުއްވައިދެއްވައި، ހދ. ހަނިމާދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާނެ އެވެ.
ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އެކި ރަށްރަށުގައި ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ގެންދަވަނީ އެ ރަށްރަށަށް ވަޑައިގަންނަވަމުންނެވެ. އެގޮތުން ހުސްވި ހަފްތާގައި ރައީސް ވަނީ މުލަކު އަތޮޅަށްވެސް ދަތުރުފުޅެއް ކުރައްވައިފައެވެ.