ލ. ގަމުގެ ދަނޑުތަކުގައި ފިނިހައް އަޅައި ދަނޑުތައް ހަލާކުވާ ކަމުގެ ޝަކުވާ ގިނަވެއްޖެއެވެ.

ގަމުން ވާހަކަ ދެއްކި މީހަކު ބުނީ ފިނިހަކަކީ ގަމުން މީގެ ކުރިން ފެނުނު އެއްޗެއް ނޫން ކަމަށެވެ.

"މައުލޫމާތު ލިބޭ ގޮތުގައި ކޮންމެވެސް އެހެން ރަށަކުން ކުއްޖަކު މިރަށަށް ގެނައި އެއްޗެއް މިއީ. އޭތި އިންނަލެއް ރީތިކަމުން. ދެން އޭތި ވިހައިގެން ގިނަވެގެން ރަށުގެ ދަނޑުތަކުގައި އަޅާފައި އޮތީ،" ގަމުން ވާހަކަ ދެއްކި މީހަކު ސަން އަށް މައުލޫމާތު ދެމުން ބުންޏެވެ.

އޭނާ ބުނީ ފިނިހައް އެންމެ ފުރަތަމަ އަޅާފައިވަނީ މުކުރިމަގުގެ ދަނޑުތަކުގައި ކަމަށެވެ. ދަނޑުތަކުގައި ފިނިހައް އަޅައި، މޭވާތަކާއެކު ގަސްތައް ކާ ކަމަށާއި އޭގެ ސަބަބުން ދަނޑުތައް އެއްކޮށް ހަލާކުވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

ގަމުގެ ދަނޑެއްގައި ފިނިހައް އަޅާފައި --- ސަން ފޮޓޯ: ހުސެން ވަޖީހު / ލ. ގަން

"މިހާރު މަތިމަރަދޫ އަވަށުންވެސް މި އެއްޗެހި ފެންނަން ފަށައިފި. އެ އަވަށުގެ ދަނޑުތަކަށްވެސް ގެއްލުން ވާކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ،"

ގަމުން ވާހަކަ ދެއްކި މީހާ ބުނީ ރޭގަނޑު ވަގުތު ހައްދުންމަތީ ބޮޑުމަގު ގައި މުކުރިމަގު އަވަށާ ވީ ސަރަހައްދުންވެސް މިހާރު މި ތަކެތި ފެންނަމުންދާ ކަމަށެވެ.

"ހަމަ ވަރަށް ގިނަވެއްޖެ. އަޅުގަނޑުމެން މިކަން ކައުންސިލުގެ ސަމާލުކަމަށްވެސް ވާނީ ގެނެސްފައި،" އޭނާ ބުންޏެވެ.

ލ. ގަމު ކައުންސިލުގެ ރައީސް ސިޔާމު މުހައްމަދު ވިދާޅުވީ ގަމުގެ ބައެއް އަވަށްތަކުގެ ދަނޑުތަކުގައި ފިނިހައް އަޅައި ދަނޑުތައް ހަވާލުވާ މައްސަލަ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ. މިއީ ގަމުގައި މީގެ ކުރިން އުޅޭ އެއްޗެއް ނޫންކަން ސިޔާމުވެސް ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ ފިނިހަކައިގެ މައްސަލަ އެގްރިކަލްޗަރަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ތަކެތި ނައްތައިލުމަށް ކަން ކުރަންޖެހޭގޮތް އޮޅުން ފިލުވައި އެކަމަށް ފިޔަވަޅު އަޅަން ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ސިޔާމު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން އެގްރިކަލްޗަރަށް ގުޅާލުމުން ބުނީ އެފަދަ ޝަކުވާއެއް އަދި ހުށަހަޅާފައި ނެތް ކަމަށެވެ.

ގަމަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ރަށެކެވެ. ކަރާއާއި ކިއުކަމްބާ، ބަށި މިރުސް އަދި ބަރަބޯ ފަދަ ތަކެތި ގަމުގައި ހައްދައެވެ.