ހުރާގައި ހިނގި ހާދިސާގައި ހިރިޔާ ސްކޫލްގެ ހަތަރު ދަރިވަރަކު މަރުވެ، ޕްރިންސިޕަލް އަލީ ނާޒިމް އަވަހާރަވި ހާދިސާއާ ގުޅިގެން އެ ސްކޫލްގެ މެނޭޖްމަންޓުގެ އިސްބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް މިއަދު ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

މެންދުރު ފަހު މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ކުރީ ހިރިޔާ ސްކޫލްގެ ދެ ޑެޕިއުޓީ ޕްރިންސިޕަލުން ކަމަށްވާ އައިޝަތު ޝާހީން އާދަމް އާއި އަހްވީވާ އަބްދުލްޣަފޫރާއި ލީޑިން ޓީޗަރު އައިޝަތު ވަހީދާ އެވެ.

ހިރިޔާ ސްކޫލްގެ މެނޭޖްމަންޓް ހާޒިރު ކުރި ކޮމެޓީގެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ނޫސްވެރިންނަށް ނުވަދެވޭ ގޮތަށް ސިއްރު ކޮށްގެންނެވެ. އެ ކޮމެޓީއަށް ހިރިޔާގެ މެނޭޖްމަންޓް މިއަދު ހާޒިރު ކުރި އިރު، މާދަމާ ހިރިޔާ ސްކޫލްގެ ބޯޑުގެ ރައީސް، ނަޒީރު އާއި ނައިބު ރައީސް އަހުމަދު ޒާހިރު (ހިރިގާ) ހާޒިރު ކުރުމަށް ވަނީ ނިންމާފަ އެވެ.

ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހިރިޔާ ސްކޫލްގެ ބޯޑާއި ސްކޫލްގެ މެނޭޖްމަންޓް ހާޒިރު ކުރަނީ ހުރާގައި ހިނގި ހާދިސާގައި އެ ސްކޫލްގެ ދަރިވަރުންތަކެއް މަރުވެ، ޕްރިންސިޕަލް އަވަހާރަވި ހާދިސާގައި ސްކޫލްގެ އިހުމާލެއް އޮތްތޯ ބެލުމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން ހޯދަންޖެހޭ އިތުރު މައުލޫމާތު އެ ސްކޫލުން ހޯދަމުންދާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

ހުރާގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާ އެމްއެންޑީއެފާއި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި ހިރިޔާގެ ދަރިވަރުން ހުރައަށް ދަތުރު ގެންދިއުމުގައި ސްކޫލްތަކުން އަމަލުކުރަންޖެހޭ ގަވައިދު ތަކަށް އަމަލުކޮށްފައި ވޭތޯ ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ.