16 Jul 2018, 23:36
ފާއިތުވި ޖޫން މަހު ޖެންޑާ މިނިސްޓްރީ އަށް 174 މައްސަލަ ހުށަހެޅުނު ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އަނިޔާ އާ ގުޅޭ 79 މައްސަލަ ހިމެނޭ ކަމަށްް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
ޖެންޑާ މިނިސްޓްރީ އިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ކުޑަކުދިންނަށް އިހުމާލު ވުމުގެ 25 މައްސަލަ ވަނީ ޖޫން މަހު ރިޕޯޓުކޮށްފައެވެ.
މީގެ އިތުރުން ކުޑަކުދިންނަށް ހާނީއްކަ ކުރުމުގެ 18 މައްސަލަ އާއި ޖިންސީ ހާނިއްކައިގެ 18 މައްސަލަ، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ ފަސް މައްސަލަ، ކުޑަކުދިންނަށް ކުރާ ނަފްސާނީ ހާނިއްކައިގެ ފަސް މައްސަަލަ އަދި ކުދިން ދޫކޮށްލާފައި ދިއުމުގެ ހަތަރު މައްސަލަ އަކާއި ނާޖާއިޒު ފައިދާ ނެގުމުގެ ދެމައްސަލަ އެއްގެ އިތުރުން އިންޓަނެޓު މެދުވެރިކޮށް ނުވަތަ އެހެން ކުދިންގެ ފަރާތުން ބުލީގެ ޝިކާރައަކަށް ވުމުގެ ދެ މައްސަލަ އެއްވެސް މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ.
މީގެ އިތުރުން ހައްގު ތަކުން ކުދިން މަހުރޫމު ކުރުމުގެ ހަތް މައްސަލަ އަކާއި އާއިލީ މައްސަލައިގެ ގޮތުގައި 22 މައްސަލައެއްވެސް ވަނީ ހުށަހަޅައިފައެވެ. މީގެ ތެރޭގައި ހަޟާނާ އާ ގުޅޭ 10 މައްސަލައެއް ހިމެނޭކަން ފާހަގަކުރެވެއެވެ.
ޖެންޑާ މިނިސްޓްރީ އިން ބުނީ އެކި ބާވަތްތަކުގެ ކުށް ކޮށްގެން ދެ ކުއްޖެއްގެ މައްސަލަ ޖޫން މަހު އެ މިނިސްޓްރީ އަށް ހުށަހެޅުނު ކަމަށެވެ. އަދި ކުދިންގެ އަޚްލާގާ ގުޅޭ ނުވަ މައްސަލައެއްވެސް މި މުއްދަތުގައި ހުށަހެޅުނު ކަމަށާއި އޭގެ ތެރޭގައި ސްކޫލަށް ދާން ބޭނުން ނުވުމުގެ ހަތަރު މައްސަލައެއް އަދި ގެއިން ނިކުމެގެން ދިއުމުގެ ތިން މައްސަލައެއް ޖޫން މަހު ހުށަހެޅުނު ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.
މީގެ އިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ 33 މައްސަލައެއް މިދިޔަ މަހު ޖެންޑާ މިނިސްޓްރީ އަށް ވަނީ ހުށަހެޅިފައެވެ. މީގެ ތެރޭގައި ނަފްސާނީ އަނިޔާ ދިނުމާއި ޖިސްމާނީ އަނިޔާ ދިނުން އަދި ގަދަކަމުން ޖިންސީ އަނިޔާ ކުރުމުގެ މައްސަލައަކާއި އިހުމާލު ވުމާއި ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލައެއް ހިމެނޭ ކަމަށް ޖެންޑާ މިނިސްޓްރީ އިން ބުނެއެވެ.