ވަގު ޗެކެއް ބޭނުންކޮށްގެން ބޭންކް އޮފް މޯލްޑިވްސް، ކަސްޓަމަރެއްގެ އެކައުންޓަކުން ނުވަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި ކަމުގެ ތުހުމަތަށް ހައްޔަރު ކުރި މުހައްމަދު ހައްސާނަށް ފުލުހުން އަނިޔާ ކުރި ކަމަށް އާއިލާއިން ބުނާ މައްސަލަ އެއް ޕޮލިސް އިންޓެގްރިޓީ އާއި އެޗްއާރުސީއެމުން ބަލަން ފަށައިފި އެވެ.

ލ. މާބައިދޫ ކަނީރުވިލާ، ހައްސާންގެ އާއިލާއިން ފުލުހުންގެ މައްޗަށް ކުރާ ތުހުމަތާ ބެހޭ ގޮތުން އެއާއިލާގެ މެންބަރަކު ބުނީ ފުލުހުން ހައްސާނަށް އަނިޔާ ކުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ޕޮލިސް އިންޓެގްރީޓީ ކޮމިޝަންގެ ރައީސާ ޝަހިންދާ އިސްމާއީލް މިއަދު ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި އެޗްއާރުސީއެމުން ބުނީ ހައްސާނުގެ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ. ދެ ކޮމިޝަނުން ވެސް ތަފްސީލެއް ނުދެއްވަ އެވެ.

ހައްސާންގެ އާއިލާއިން ބުނީ ހައްސާނަށް އަނިޔާކޮށްފައި ވަނީ މާލޭ ޖަލުގައި ހުއްޓައި ކަމަށާއި އާއިލާއާ ހައްސާނާ ބައްދަލުވީ މާލެއިން ދޫނިދޫ ޖަލަށް ގެންދިއުމަށް ފަހު ފުލުހުންގެ ބޭނުމަކަށް މާލެ ގެނެސްފައު ހުއްޓާ ކަމަށެވެ. އާއިލާއިން ހައްސާނާ ބައްދަލު ކުރި އިރު ވެސް އަނިޔާކުރުމުން އުފެދުނު ޒަޚަމްތައް ހައްސާނުގެ ހަށިގަނޑުގައި ފާރުވެފައި ހުރި ކަމަށާއި އޭރުވެސް ހައްސާނަށް ނުހިނގޭ ކަމަށެވެ. އިތުރަށް ބުނީ އެފަހަރު ހައްސާނަށް ފަރުވާދޭން ހޮސްޕިޓަލަށް ގެންދިއުމަށް ފުލުހުން ގާތުގައި އާއިލާއިން އެދުނު ކަމަށާއި އެދުވަހު ހައްސާނު ހޮސްޕިޓަލަށް ގެންދިޔައީ ވީލްޗެއާއެއްގައި ކަމަށެވެ.

އާއިލާއިން ބުނީ ކަސްޓޯޑިއަލުން ދޫނިދޫ ޖަލަށް ހައްސާނު ބަދަލު ކުރީ ޖަލުގެ ތެރޭގައި އަޑުގަދަކުރާ ކަމަށް ބުނެއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު ސަބްއިންސްޕެކްޓާ އަހުމަދު ޝިޔާމް ވިދާޅުވީ އެފަދަ ޝަކުވާ އެއް ފުލުހުންނަށް ހުށަހެޅިފައިވާނަމަ އެކަން އެ އޮންނަ އުސޫލުގެ ދަށުން ބަލަމުންގެންދާނެ ކަމަށެވެ.

ވަގު ޗެކެއް ބޭނުންކޮށްގެން ބޭންކް އޮފް މޯލްޑިވްސް، ކަސްޓަމަރެއްގެ އެކައުންޓަކުން 971640ރ. ނެގި ކަމުގެ ތުހުމަތުގައި ހައްސާނާއެކު ހައްޔަރުކުރީ އދ. މާމިގިލި ލިވަޕޫލް އަހުމަދު ނަބީހާއި މ. ސީނުކަރަންކާގެއާގެ އިބްރާހިމް ހަސަން ރަޝީދާއި ތ. ތިމަރަފުށި ބުރެވިމާގެ އިސްމާއިލް މުހައްމަދެވެ. ނަމަވެސް ތަހުގީގު ނިންމުމަށް ފަހު ހައްސާން ފިޔަވައި ދެން ތިބި ތިން މީހުން ހައްޔަރުގައި ބައިތިއްބާނެ ތަނެއް ނެތް ކަމަށް ކޯޓުން ކުރި އަމުރަށް އެމީހުން ވަނީ ދުކޮށްލާފަ އެވެ.

ވަގު ޗެކު ހިފައިގެން ބޭންކަށް ދިޔައީ ހައްސާން ކަމަށާއި އެ ޗެކަކީ ބޭންކުން ދޫކުރާ އޮރިޖިނަލް ޗެކްތަކާ އެއްގޮތަށް ސެކިއުރިޓީ ފީޗާސްތައް ފުރިހަމައަށް ހުރި ޗެކެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.