16 Jul 2018, 16:59
ވޮޝިންޓަން (ޖުލައި 16): ޔޫރަޕިއަން ޔޫނިއަން އަކީ އެމެރިކާގެ ދުޝްމަނެއް ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ސީބީއެސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް އެފަދައިން ވިދާޅުވީ، އެމެރިކާއަށް އޮތް އެންމެ ބޮޑު ހަތުރަކީ ކޮބައިތޯ ސުވާލު ކުރުމުންނެވެ.
"އަޅުގަނޑުމެންގެ ދުޝްމަނުން ވަރަށް ގިނަ... އޭގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަން ހިމެނޭނެ ކަމަށް ގިނަ މީހުން ނުވިސްނާނެ. ނަމަވެސް އެއީ ދުޝްމަނެއް،" ޓްރަމްޕް ވިދާޅުވި އެވެ.
އަދި ޓްރަމްޕް ވަނީ ވިޔަފާރީގެ ދާއިރާގައި އީޔޫއިން އެމެރިކާގެ ފައިދާ ނަގާފައިވާ ކަމަށް ބުނެފައި އެވެ. ނަމަވެސް އޭގެ މާނައަކީ އެގައުމުތަކަކީ ގޯސް ގައުމުތަކެއްކަން ގަބޫލުކޮށްގެން ނުވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
"ބައެއް ގޮތްތަކުން ރަޝިއާއަކީ ދުޝްމަނެއް. ޗައިނާއަކީ އިގުތިސާދީ ގޮތުން ދުޝްމަނެއް. ނަމަވެސް އޭގެ މާނައަކީ އެއީ ގޯސް ގައުމުތަކެކޭ ނޫން... އޭގެ މާނައަކީ އެއީ ވާދަވެރި ގައުމުތަކޭ،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕަށް ރައްދު ދެއްވަމުން ޔޫރަޕިއަން ކައުންސިލްގެ ރައީސް ޑޮނަލްޑް ޓަސްކު ވަނީ އީޔޫ އާއި އެމެރިކާއަކީ "ވަރަށް ގާތް އެކުވެރިން" ކަމަށް ވިދާޅުވެފައި އެވެ. އަދި ޓްރަމްޕް ފަތުރަނީ "ފޭކް ނިއުސް" ކަމަށް ވިދާޅުވެފައި އެވެ.
މިދިޔަ މަހު އެމެރިކާއިން ވަނީ އީޔޫއިން އެގައުމަށް އެތެރެކުރާ ސްޓީލް އާއި އެލުމިނިއަމް އިން ޓެރިފް ނަގަން ފަށާފައި އެވެ. އޭގެ ސަބަބުން އީޔޫއިންވެސް ވަނީ އެމެރިކާގެ ބައެއް މުދަލުން ޓެރިފް ނަގަން ފަށާފައި އެވެ. (އަލްޖަޒީރާ)