މަރާމާތަށް ފަހު ޑޮކްޔާޑަށް ދަންކަން ޖެހޭ ފައިސާ ނުދައްކައިގެން ނުފުރި ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ ބަނދަރެއްގައި އޮތް ވިލާ ޝިޕިންގެ ބޯޓަކަށް ހަ މަސް ފަހުން ވިލާއިން ފައިސާ ދައްކައިފި އެވެ.

ބެންކޮކްގެ އެލްޕީއެން ނަމަކަށް ކިޔާ ޑޮކެއްގައި މަރާމާތުގެ މަސައްކަތް ކުރުމަށްފަހު ބާލާފައި އޮތް 1700 ޓަނުގެ "ވިލާ ދައުރު" ބެންކޮކަށް ގޮސްފައި ވަނީ މިދިޔަ ފެބްރުއަރީ މަހު ލ. މާންދޫ އިން މަސް ބަރުކޮށްގެންނެވެ. އެ ބޯޓަކީ މަސް ފިނިކޮށްގެން ބެންކޮކްއަށް މަސް އުފުލާ ބޯޓެކެވެ.

ބޯޓުގެ ފަޅުވެރިއަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ބުނީ މިހާ ގިނަ ދުވަހު ބެންކޮކްގައި ބަނދަރުކުރަން ޖެހުނީ ބޯޓުން މަސް ހުސްކުރުމަށްފަހު، މަރާމާތުގެ މަސައްކަތެއް ކުރުމަށް ބޯޓު ޑޮކަށް ލުމަށްފަހު މާރާމާތަށް ދައްކަންޖެހޭ ފައިސާ ނުލިބިގެން ކަމަށެވެ. ޑޮކް ޔާޑަށް ދައްކަންޖެހޭ ފައިސާގެ އަދަދު ގާތްގަނޑަކަށް ހަލައްކަ ޑޮލަރަށް އަރާ ކަމަށް ފަޅުވެރިން ބުންޏެވެ.

" ބޯޓް ޑޮކަށްލީ ފަލްކާތަކާއި އެހެނިހެން މަރާމާތުތައް ކުރަން ހުރުމުންނާއި ބޯޓު ސާފުކުރަން. މުޅި މަރާމާތަށް ފަހެއް ނޫނީ ހަ ލައްކަ ޑޮލަރު ހަރަދުވި،" އޭނާ ބުންޏެވެ.

އެމީހާ ބުނީ ބޯޓުގެ މަރާމާތަށް ދައްކަންޖެހޭ ފައިސާ ތިން ބުރެއްގެ މަތިން ދައްކާ ނިންމާފައިވާ ކަމަށާއި އެންމެ ފަހުގެ ޕޭމަންޓް ދައްކާފައި ވަނީ މިދިޔަ ހަފުތާގައި ކަމަށެވެ. މިހާރު ބޯޓަށް ނުފުރި ލަސް ވަނީ ބޯޓަށް އަޅަން ބޭނުންވާ ތެޔޮ ނުލިބިގެން ކަމަށްވެސް އޭނާ ބުންޏެވެ. އަދި ބުނީ ފައިސާ ނުލިބިގެން ބޯޓް ބަނދަރުކޮށްފައި އޮތް ނަމަވެސް އެމީހުންނަށް އިތުރު އެއްވެސް ކަމަކަށް ދަތިވެފައިނުވާ ކަމަށެވެ.

ވިލާ ޝިޕިންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އިބްރާހިމް ޒާހިރު މިއަދު ވިދާޅުވީ ބޯޓު އޮންނާނީ އެއިރެއްގައި މާކެޓް އޮތް ތަނެއްގައި ކަމަށާއި އަދި ބޯޓު ގެންނަން ޖެހުނީމާ ގެންނަވާނެ ކަމަށެވެ. ބޯޓު މަރާމާތު ކުރުމުގެ ފައިސާ ނުފޮނުވި ލަސްވި ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ.

"މުވައްޒަފުންގެ މުސާރަ ނުލިބި ނުވަތަ އެނޫންވެސް އެފަދަ މައްސަލައެއް ޖެހިގެން މުވައްޒަފުންނަށް ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ނުދެކެން،" ޒާހިރު ވިދާޅުވި އެވެ.

ބެންކޮކް ބަނދަރުގައި އޮތް ވިލާގެ ބޯޓުގައި އަށް ދިވެހިންނާއި ލަންކާ ހަތް މީހުންނާއި މަލިކު ދެމީހުންނާ އެކު ޖުމްލަ 17 މީހުން މަސައްކަތް ކުރެ އެވެ.