އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކެމްޕޭން މެދު ކަނޑާޅުމަށް ފަހު ރާއްޖޭން ބޭރަށް ވަޑައިގަންވަން ނިންމަވައިފި އެވެ.

އައްޑޫ އަދި ފުވައްމުލަކަށް ކުރެއްވި ކެމްޕޭން ދަތުރުފުޅަށް ފަހު މާލެ ވަޑައިގެން މީޑިއާއާ ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ދެތިން ދުވަހަކަށް ރާއްޖޭން ބޭރަށް ކުރަން ޖެހޭ ދަތުރެއް އެބައޮތް ކަމަށެވެ.

ނަމަވެސް އެއީ ކޮން ދަތުރުފުޅެއް ކަމެއް އިބޫ ވިދާޅެއް ނުވެ އެވެ. އަދި ވަޑައި ގަންނަވަނީ ކޮން ގައުމަކަށް ކަންވެސް އިބޫ ވިދާޅެއް ނުވެ އެވެ. ވިދާޅުވީ ދެން އަތޮޅުތަކަށް ކެމްޕޭން ދަތުރުތައް ފެށޭނީ ރާއްޖޭން ބޭރަށް ކުރައްވާ ދަތުރު ނިންމަވާލެއްވުމަށް ފަހު މިމަހުގެ 23ގެ ފަހުން ކަމަށެވެ.

އިބޫ ވަނީ ކެންޑިޑޭޓަކަށް އެމްޑީޕީ ކޮންގްރެސްއިން ހޮވުމުގެ ކުރިންވެސް ސްރީލަންކާއަށް ދަތުރު ކުރައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލު ކުރައްވައިފަ އެވެ.

އައްޑު އާއި ފުވައްމުލަކު ކެމްޕޭން ދަތުރާ ބެހޭ ގޮތުން އިބޫ ވިދާޅުވީ އެ ދެ އަތޮޅުން ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އަދި ރައްޔިތުން ތިބީ ވޯޓުލާން ކެތް މަދުވެފައިކަން އެނގުނު ކަމަށް އިބޫ ވިދާޅުވި އެވެ.