14 Sep 2011, 15:39
ވަތަނިއްޔާއިން ތަޢާރަފްކުރި ބްލެކްބެރީ ހިދުމަތުގެ ޕެކޭޖްތައް މިއަދު އިއުލާން ކޮށްފި އެވެ.
ކެނެޑާގެ ކުންފުންޏެއް ކަމަށްވާ ރިސާޗް މޯޝަން (ރިމް) އާއި ވަތަނިއްޔާ ގުޅިގެން ރާއްޖެ އަށް ފުރަތަމަ ފަހަރަށް ތަޢާރަފް ކުރި ބްލެކްބެރީ ޚިދުމަތުގައި ހިމެނޭ ދެ ޕެކޭޖް ކަމަށްވާ "ބްލެކްބެރީ އެލީޓް" އާއި "ބްލެކްބެރީ އެލީޓް ޕްލަސް" އާންމު ކުރީ ޓްރޭޑާސް ހޮޓަލުގައި މިއަދު ހެނދުނު އެވެ.
މުއާސަލާތީ ހިދުމަތްދޭ ކުންފުނިން ބުނީ ބްލެކްބެރީ ފޯނުތައް ރާއްޖެގައި މިވަގުތު ގެންގުޅުނު ނަމަވެސް ބްލެކްބެރީން ހުއްދަ ދީފައިވާ ފަރާތްތަކަށް ނޫން ބަޔަކަށް ވަތަނިއްޔާގެ ބްލެކްބެރީ ޕެކޭޖްތަކުގެ ބޭނުން ނުކުރެވޭނެ ކަމަށެވެ. ރާއްޖޭގެ ދެވަނަ މޮބައިލް އޮޕަރޭޓަރު ވަތަނިއްޔާއަކީ މުއާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ބްލެކްބެރީގެ ޚިދުމަތް ރާއްޖޭގައި ދޭ ފަރާތެވެ.
އީމެއިލް އާއި ޓެކްސްޓް މެސެޖްތައް ތިން ވަނަ ފަރާތަކަށް ނުބެލޭ ވަރުގެ ސެކިއުރިޓީ އެއް ލިބިފައިވާ އަދި އެ ފީޗާތައް އެއްވެސް ފަރާތަކަށް ހެކް ކުރެވިފައި ނުވާ ހިދުމަތް ކުދި އަދި މެދުފަންތީގެ ވިޔަފާރި ވެރިންނަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ކަމަށް ވަތަނިއްޔާގެ ހެޑް އޮފް މާކެޓިން އައިޝަތު ޒަމްރާ ޒާހިރު ވިދާޅުވި އެވެ.
ވަތަނިއްޔާއިން ބުނީ އާ ހިދުމަތް ބޭނުން ކުރާ ކޯޕަރޭޓް ފަރާތްތަކާށާއި ވަކިވަކި ފަރުދުންނަށް ބޭނުންވާ ނަމެއްގައި "މަވެސް ވަތަނިއްޔާގެ" ތެރެއިން ހިލޭ އީމެއިލް އެޑްރެސް އެއް ވެސް ލިބޭނެ ކަމަށެވެ.
"މި ސާވާ ބޭނުންކުރާ ފަރާތްތަކުގެ ތެރޭ އެބައުޅޭ އެޗްއެސްބީސީ، ޝެރެޓަން، ފޯ ސީޒަން ކަހަލަ ބޮޑެތި ކުންފުނިތައް. އެކަމަކު މިހާތަނަށް ރާއްޖޭގައި މި ޚިދުމަތެއް ނުލިބޭ. އެހެންވެ ބޭނުން ނުކުރެވިފައި އޮންނަނީ. އެކަމަކު މިއަދުން ފަށައިގެން މި ޚިދުމަތް ހުރިހާ ކުންފުނިތަކަކަށް ވެސް ވަތަނިއްޔާ މެދުވެރިކޮށް ރާއްޖޭން ލިބެންހުންނާނެ،" ޒަމްރާ ވިދާޅުވި އެވެ.
ބްލެކްބެރީ އެލީޓްގެ މަހުފީ އަކީ 1،199ރ. އެވެ. ބްލެކްބެރީ އެލީޓް ޕްލަސްގެ މަހުފީ އަކީ 1،499ރ. އެވެ. މި ދެ ޕެކޭޖްގައި ވެސް މޮބައިލް އިންޓަނެޓާއި، ބްލެކްބެރީ މެސެންޖާ (ބީބީއެމް) އަދި އީމެއިލްގެ އިތުރުން ސޯޝަލްނެޓްވޯކް ތަކަށް ވަނުން އަންލިމިޓެޑްކޮށް ވަނީ ދީފަ އެވެ.
ބްލެކްބެރީ އެލީޓްގައި ހިލޭ ގުޅޭ ދެ ނަމްބަރުގެ އިތުރުން 75 އެސްއެމްއެސް ހިލޭ ލިބޭނެ އެވެ. އަދި ލޯކަލް 700 މިނެޓް ހިލޭ ލިބެ އެވެ.
ބްލެކްބެރީ އެލީޓް ޕްލަސް ގައި ހިލޭ ގުޅޭ ތިން ނަމްބަރެއް ހިމަނާފައިވާއިރު 100 އެސްއެމްއެސް ހިލޭ ލިބެ އެވެ. ހިލޭ ލިބޭ ލޯކަލް މިނެޓްގެ އަދަދަކީ 1000 އެވެ.
ބްލެކްބެރީގެ ޚިދުމަތް ރާއްޖޭގައި ބޭނުންކުރާއިރު މިނެޓަކަށް ޗާޖް ކުރާނީ 99ލ. އެވެ
ބްލެކްބެރީ ޚިދުމަތް ހޯދާނަމަ ވަތަނިއްޔާގެ ބްލެކްބެރީ ޕެކޭޖެއް ނަގަންޖެހެ އެވެ. ބްލެކްބެރީ ފޯނާއި ޕެކޭޖްތައް ވަތަނިއްޔާ ބައެއް ފިހާރަތަކުން ލިބޭ ގޮތަށް ހަމަޖައްސާފައިވާއިރު ވަތަނިއްޔާގެ ހުރިހާ ފިހާރަތަކުން ވެސް ފޯނުތަކުގެ އޯޑަރު ނަގާނެ އެވެ.
ބްލެކްބެރީ ފޯނުތަކުގެ ތެރެއިން "ކާވް 9300" ވިއްކަނީ 4،900ރ. އަށެވެ. "ބޯލްޑް 9780" ވިއްކަނީ 7،900ރ. އަށެވެ. "ޓަޗް 9800" އެއް ވިއްކާނީ 10،900ރ. އަށެވެ. އެންމެ ފަހުން ބާޒާރަށް ނެރުނު ބްލެކްބެރީ "ބޯލްޑް 9900" އެއްވިއްކާ އަގަކީ 13،900ރ. އެވެ. އަލަށް ބާޒާރަށް ނެރުނު ފޯނު ވަތަނިޔާއެއް ގެނެސްފައި ވަނީ ކަނޑައެޅިފައިވާ އަދަދަކަށެވެ.
ޒަމްރާ ޒާހިރު ވިދާޅުވީ މިއީ އަހަރަކަށް ވުރެ ގިނަ ދުވަހު ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި ވަތަނިއްޔާ އަށް މި ފުރުސަތު ލިބުނީ ގަތަރުގެ ކިއުޓެލްގެ ދަށުގައި މަސައްކަތް ކުރާތީ ކަމަށެވެ. ކިއުޓެލް އާއި ރިމް ގުޅިގެން މިހާރުވެސް ހަ ގައުމެއްގައި ބްލެކްބެރީގެ ޚިދުމަތް ދޭއިރު އެ ގުރޫޕް ތެރޭ 1.2 މިލިއަން ކަސްޓަމަރުން އުޅެ އެވެ.
އެމެރިކާގެ މިލިޓަރީގަ އާއި ނޯވޭފަދަ ތަންތަނުގައި އެންމެ ގިނައިން އެކްރެޑިޓްކޮށްފައިވާ ސެކިއުރިޓީ ސޮލިއުޝަން އަކީ ބްލެކްބެރީގެ ސެކިއުރިޓީ އެވެ.