16 Jul 2018, 12:02
އެއްދުވަހުގެ މެންދުރެއް ހައި އިރު ލިބުނު ކޯލެކެވެ. ބޭންކް އޮފް މޯލްޑިވްސް ކާޑު ސެންޓަރުން ކަމަށް ބުނެ އެ ކޯލު ކުރީ މޯބައިލް ނަންބަރަކުންނެވެ. ކޭޝް ކާޑު ކްލޯން ކުރެވި އެއް ޕިން އެއް ދެމީހަކަށް ދެވުނު ވާހަކަ އާއި އެކަން ހައްލު ކުރަން ކާޑުގެ ނުފުށުގައި އިންނަ ތިން އަދަދުގެ ކޯޑު ހިއްސާ ކުރަން އެދުނެވެ.
ކުއްލިއަކަށް ހަނދާންވީ ބޭންކުގެ ނަމުގައި ގުޅައިގެން އޮޅުވާލައިގެން ފައިސާ ހޯދާ ކަމަށް ދެކެވޭ ވާހަކައެވެ. ބޭންކުގެ ނަމުގައި މޯބައިލް ފޯނުން ނުގުޅާނެ ކަން އަމިއްލަ ނަފުސަށް ހަނދާން ކޮށްދިނީމެވެ. ފޯނު ކަނޑާލީ ބޭންކު ކާޑުގެ މައުލޫމާތު ހޯދަން ބޭނުން ނަމަ ބޭންކުގެ ކާޑު ސެންޓަރުގެ ނަންބަރުން ގުޅަން ބުނަމުންނެވެ.
މިއީ މިހާރު ބޮޑުވެފައިވާ މައްސަލައެކެވެ. ފަސޭހައިން މީހުންގެ އެކައުންޓުތައް ދޮވެލަން ބޭނުންކުރާ ފޭރުމުގެ އާ އުކުޅެކެވެ. މިކަމާމެދު ސަމާލުވެ ހުށިޔާރުވާން ޖެހިފައިވާ ކަމެއްވެސް މެއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ބުނާގޮތުން އޮޅުވާލައިގެން ބޭންކު އެކައުންޓާއި ކާޑުގެ މައުލޫމާތު ހޯދަން މަސައްކަތް ކުރާ މައްސަލަތައް ބޭންކަށް ހުށަހެޅެއެވެ. މިފަދަ ކަންކަމާމެދު ސަމާލުވުމަށް ބީއެމްއެލް އިން އިލްތިމާސް ކުރެއެވެ.
ފްރޯޑް ކޯލްސް:އެކައުންޓުް ނޫނީ ކާޑުގެ މައުލޫމާތު ހޯދަން ތަފާތު ނަންބަރުތަކުން ބޭންކުގެ ނަމުގައި ގުޅާ ހަދައެވެ. މިފަދަ ކޯލުތަކުން އެދޭ މައުލޫމާތު ހިއްސާ ނުކުރާށެވެ. މިގޮތަށް އޮޅުވާލައިގެން ކާޑުގެ މައުލޫމާތު ހޯދަން ގުޅާ މީހުން އެދޭނީ ކޭޝް ކާޑުގެ ނަންބަރު ކިޔައިދޭށެވެ. ފުރަތަމަ އިންނަ ހަ ނަންބަރު ކިޔައިދިނުމަށްފަހު ބާކީ ހުރި ނަންބަރުތައް ބުނެދެން އެދޭނެއެވެ. އެކަމަކު ހަނދާން ކުރާށެވެ. ހުރިހާ ކޭޝްކާޑޭއްގައިވެސް ފުރަތަމަ އިންނަ ހަ ނަންބަރު އެއްގޮތް ވާނެއެވެ. ކޭޝްކާޑު ނަންބަރު އަދި ކާޑުގެ ނުފުށުގައި ހިމަނާފައިވާ ސީވީސީ/ސީވީވީ ކާޑު އެއްވެސް މީހަކާ ހިއްސާ ނުކުރާށެވެ.
ފްރޯޑް އެސްއެމްއެސް:ބޭންކުގެ ޑޭޓާބޭސް އަޕްޑޭޓު ކުރަނީ ކަމަށްބުނެ ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހިއްސާކުރަން އެދި އެސްއެމްއެސް ދައުރު ކުރުމަކީވެސް އޮޅުވާލައިގެން ފައިސާ ހޯދާ މީހުން ކުރާ ކަމެކެވެ. ބީއެމްއެލްގެ ނަމުގައި އެސްއެމްއެސް ކުރާ ކަމަށް މިފަދަ މީހުން ހެދުނު ނަމަވެސް ހަނދާން ކުރަންވީކަމަކީ އެކައުންޓު ނަންބަރާއި އެކައުންޓު ތަފްސީލު ހޯދަން ބޭންކުން އެސްއެމްއެސް ނުކުރާނެ ކަމެވެ.
އީ މެއިލް:ބޭންކުގެ އިންޓަނެޓް ބޭންކިން ގޭޓްވޭ ފިޔަވައި ބޭންކުގެ އިންޓަނެޓް ބެންކިން އަށް އެކްސެސް ވާން ކަމަށް ބުނެ އީމެއިލް ތަކުގައި ހިމަނާފައިވާ ވެބް ޕޭޖުތަކަށް ވަދެ އެކައުންޓު ތަފްސީލު ހިއްސާ ނުކުރާށެވެ. އިންޓަނެޓް ބޭންކިން ޔޫޒާނޭމް އަދި ޕާސްވޯޑު ހޯދަން ބޭންކުން ކަސްޓަމަރުންނަށް އީމެއިލް އެއް ނުފޮނުވާނެއެވެ. އަދި ކާޑުގެ ތަފްސީލު ބޭންކުން ނުހޯދާނެއެވެ.
ބޭންކުގެ ނަމުގައި މިފަދަ ކޯލުުތަކާއި އެސްއެމްއެސް އަދި އީމެއިލް ލިބޭނަމަ އެކަންތައް ކަމާބެހޭ ފަރާތްތަކަށް ހިއްސާ ކުރާށެވެ. މީގެ އިތުރުން ނޭނގި ނަމަވެސް ކާޑުގެ ތަފްސީލު ނުވަތަ އެކައުންޓުގެ ތަފްސީލު ނޫނީ އިންޓަނެޓް ބޭންކިންގެ ތަފްސީލު ހިއްސާ ކުރެވިއްޖެ ނަމަ ބީއެމްއެލްގެ ނަންބަރު 3330200 އަށް ގުޅައި ނޫނީ ބީއެމްއެލްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކަށް މެސެޖެއް ކޮށްގެން ކާޑު ބްލޮކު ކުރާށެވެ.